ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބައެއް ބިލުތަކާ މެދު މައި އިދިކޮޅު ޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހުތަކާއި އާ ގާނޫނުތައް ހިމެނޭހެން 213 ބިލެއް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސަރުކާރުން އިއުލާނުކުރި ލެޖިސްލޭޓިވް އެޖެންޑާ އާ މެދު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

"ބައެއް ގާނޫނުތަކަކީ އެ ގާނޫނުތަކަށް ރަނގަޅަށް އަމަލުކުރަން ނުފަށްޓަނީސް އެއަށް އިސްލާހުތައް ހުށަހެޅުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާ ގާނޫނުތައް،" ބެލެވޭ ގޮތުގައި މައުރޫފް އަލިއަޅުވާލައްވާފައި ވަނީ އެމްޑީޕީން މިދިޔަ މަޖިލީހަށް ހުށަހަޅައި ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނަށެވެ. އެކަމަކު އެއީ ކޮން ގާނޫނުތަކެއްކަން ހާމަ ނުކުރައްވައެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ކަންބޮޑުވުން އޮތީ އަމަލުކުރަން ނުފަށާ ބައެއް ގާނޫނުތަކަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން ކަމަށާއި، އެހެންކަމުން އެ ގާނޫނުތަކަށް ސަރުކާރުން އިސްލާހު ހުށަހެޅި ސަބަބުތައް ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން މަސައްކަތްކުރަމުންދާ ކަމަށެވެ.

މި މަހުގެ މެދުތެރޭ ސަރުކާރުން ހުށަހަޅަން ނިންމި 213 ބިލުގެ ތެރޭގައި ހިމެނެނީ:

  • ދުސްތޫރީ ކަންކަމާއި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލެއް
  • ދައުލަތް ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ނުވަ ބިލެއް
  • އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމަށް އަމަލުކުރަމުންދާ ގާނޫނުތައް އިސްލާހުކުރުމަށް އަށް ބިލެއް
  • އިސްލާމްދީނާއި ގައުމިއްޔަތާއި ސަގާފީ ކަންކަމާ ގުޅޭ އަށް ބިލެއް
  • ގައުމީ ސަލާމަތާއި ޚާރިޖިއްޔާއާ ގުޅޭ 15 ބިލެއް
  • ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅޭ 11 ބިލެއް
  • ބިމާއި މުދަލާއި އުމްރާނީ ތަރައްގީއާ ގުޅޭ 11 ބިލެއް
  • ތިމާވެެށި ރައްކާތެރިކުރުމާއި ހަކަތައާއި އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ ނުވަ ބިލެއް
  • އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއާ ގުޅޭ 20 ބިލެއް
  • ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލެއް
  • ފައިސާ އާއި މާލީ ކަންކަމާ ގުޅޭ 22 ބިލެއް
  • ދަތުރުފަތުރާއި މުއާސަލާތީ ކަންކަމާ ގުޅޭ އަށް ބިލެއް
  • ތައުލީމާއި މަސައްކަތްތެރިކަމާ ގުޅޭ ހަތް ބިލެއް
  • ވިޔަފާރި އާއި އިގްތިސޯދާ ގުޅޭ 22 ބިލެއް
  • ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގާނޫނުތަކާ ގުޅޭ 26 ބިލެއް