ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް މިރޭ ފަށާ އިރު މިހާތަނަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވިފައި ވަނީ އެންމެ ތިން ޓީމަށެވެ. އެއީ ގްރޫޕް އޭއިން ޖާމަނީ، ގްރޫޕް ބީއިން ސްޕެއިން އަދި ގްރޫޕް އެފްއިން ޕޯޗުގަލްއަށެވެ.

ގްރޫޕްގެ ފަހު މެޗުތައް ކުޅޭނީ އެއް ފަހަރާ ކަމުން މިރޭ ފެނިގެންދާނީ ގްރޫޕް އޭގެ ފަހު ދެމެޗެވެ. މި ދެ މެޗު ވެސް ކުޅޭނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރެވެ.

ޖާމަނީ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ސުވިޓްޒަލޭންޑަށް ދެވަނަ ބުރަށް ދެވޭނެ

މުބާރާތުގެ ހޯސްޓް ޖާމަނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނިކުންނާނީ ތާވަލުގެ ދެވަނައިގައި އޮތް ސުވިޓްޒަލޭންޑާ ދެކޮޅަށެވެ. މިމެޗުގެ ކުރިން ޖާމަނީއަށް ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައި އޮތް ނަމަވެސް ދެވަނަ ބުރުގައި ގްރޫޕް ސީގެ ދެވަނަ ޓީމާ ކުޅެން ލިބޭނީ މިމެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ.

މުބާރާތުގައި މިހާތަނަށް ޖާމަނީގެ މުސިއާލާ ދެލަނޑު ޖަހާފައިވާ އިރު މިރޭ އިތުރު ލަނޑު ޖެހުމުގެ ފުރުސަތު ލިބޭނެ/ފޮޓޯ: އެކްސް

މުބާރާތުގައި މިހާތަނަށް ކުޅުނު އެއް މެޗުން އެއްވަރުވެ އަނެއް މެޗުން މޮޅުވި ސުވިޓްޒަލޭންޑް ޖާމަނީއާ ކުޅެ މޮޅުވެއްޖެނަމަ ގްރޫޕްގެ އެއްވަނަ އެޓީމަށް ލިބޭނެއެވެ. މިދެ ޓީމުގެ މެޗު އެއްވަރުވެއްޖެނަމަ ޖާމަނީ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާ އިރު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސުވިޓްޒަލޭންޑަށް ދެވަނަ ބުރުން ޖާގަ ކަށަވަރުވާނެއެވެ.

ސްކޮޓްލޭންޑް ހަންގަރީއާ ދެކޮޅަށް ނިކުންނާނީ ދެވަނަ ބުރުގެ އުއްމީދު ހިތުގަލައިގެން

މުބާރާތް ހުޅުވި މެޗުގައި ޖާމަނީ އަތުން 5-1 އިން ބަލިވި ސްކޮޓްލޭންޑަށް މި ނަތީޖާ ވެފައިވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އެޅުނު އެންމެ ބޮޑު ހުރަހަށެވެ. އެޓީމުން ދެވަނަ މެޗުގައި ސުވިޓްޒަލޭންޑާ ކުޅޭ 1-1 އިން އެއްވަރުވި އިރު ދެވަނަ ބުރަށް ދެވޭނީ ހަންގަރީއާ ކުޅެ މޮޅުވެގެންނެވެ. އަދި އެވަރުން ނުފުދެއެވެ. ސްކޮޓްލޭންޑަށް ތާވަލުގެ ދެވަނަ ލިބެން އޮތީ ގްރޫޕްގެ އަނެއް މެޗުގައި ޖާމަނީ 4 ގޯލުގެ ތަފާތަކުން ސުވިޓްޒަލޭންޑް ބަލިކުރުމުންނެވެ.

ސްކޮޓްލެންޑްގެ ލަނޑު ޖަހާ ދިން މެކްޓޮމިނީ/ފޮޓޯ: އެކްސް

ގްރޫޕްގެ ދެވަނަ ނުލިބުނު ނަމަވެސް މިރޭގެ މެޗުން މޮޅުވެގެން ގްރޫޕްތަކުގެ ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ހޯދާ ހަތަރު ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ކަނޑައަޅާފައިވާ ޖާގައިގެ ތެރެއިން ޖާގައެއް ސްކޮޓްލޭންޑަށް ހޯދިދާނެއެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވި ހަންގަރީއަށް ވެސް މިފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެޓީމު ޖެހޭނީ މިރޭގެ މެޗުން ސްކޮޓްލޭންޑް ބަލިކުރާށެވެ.