އައްޑޫގައި އިހްތިޖާޖު ކުރަމުންދާ މަސްވެރިންގެ ގޮވާލުންތަކަށް އިޖާބަދިނުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބާރުގެ ބޭނުންކޮށްގެން މަސްވެރިންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށް ބުނެ، މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި ހުރިހާ މަސްވެރިން އިހްތިޖާޖަށް ނުކުތުމަށް، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިކަމަށް ގޮވާލާފައި ވަނީ އައްޑޫ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ އިހްތިޖާޖުގެ ހާލަތު ގޯސްވެ، ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މަސްވެރިންގެ ބާރުގެ ދަށަށް ގެނެސް، އެ ތަނުގެ ހިދުމަތް ހުއްޓާލާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އައްޑޫގައި އިހްތިޖާޖު ކުރަމުންދާ މަސްވެރިންނަށް ސަރުކާރުން އެދެވޭ ޖަވާބެއް ނުދޭ ކަމަށެވެ.

މައުރޫފް ވަނީ، ސަރުކާރުން އެންމެ ފުރަތަމަ ބުނީ މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭ މަހަށްވާ ފައިސާ މަސްވެރިންނަށް ދޭނެ ކަމަށް ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވުމުން ނޫނީ ފައިސާ ދެވެން ނެތް ކަމަށް ސަރުކާރުން ބުނިކަން ފާހަގަކުރައްވައި، އޭގެ ފަހުން މަސްވެރިން އެތައް އިހްތިޖާޖެއް ކުރިކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މަސްވެރިން އިހްތިޖާޖުކުރުމަކީ ދެރަ ކަމެއް ކަމަށާއި، މަސްވެރިން ބާނާ މަހަށްވާ ފައިސާ މަސްވެރިންނަށް ލިބޭނެ ގޮތް ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އައްޑޫގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަދިނުމުގެ ބަދަލުގައި ފެންނަނީ ފުލުހުންނާއި ސިފައިން މެދުވެރިކޮށް މަސްވެރިންގެ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • 345 މަސްވެރިން މިހާރު ވެސް އިހްތިޖާޖު ކުރަމުން އެބަދޭ
  • އައްޑޫގެ މަސް އޮޑިފަހަރަށް 11.8 މިލިއަން ރުފިޔާ ސަރުކާރުން ދޭން ޖެހޭ
  • މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބޭނެ ސީދާ ތާރީހެއް އެނގެން މަސްވެރިން ބޭނުންވޭ

"އެހެންވީމާ އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ ފުލުހުންނާއި ސިފައިން ވެސް މަސްވެރިންގެ ހައްގުގަ މަސްވެރިން ކުރާ މުޒާހަރާއަށް ހުރަސް ނާޅުއްވާށޭ، އެކަން އެގޮތަށް ނުކުރައްވާށޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން މާދަމާއިން ފެށިގެން މަސައްކަތް ކުރާނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އެތެރޭގައި މަޝްވަރާ ކުރެވެމުންދާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މަޖިލީހަށް ހާޒިރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުރޫފް އިތުރަށް ވިދާޅުވީ، މަސްވެރިން ކުރާ މަސައްކަތުގެ އަގު ހޯދައިދޭން ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރަން ވިޔަސް، ނުވަތަ މަސްވެރިންނާ އެކީ އިހްތިޖާޖުގައި ބައިވެރިވުމަށް ކަމަށް ވިޔަސް، އެމްޑީޕީން ތިބީ ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން އޯވަޑްރޯކޮށްގެން ވިޔަސް ވެސް، މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ ހައްލުކޮށްދޭން ޖެހެއެވެ.

އަދި މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގައި މަސްވެރިންނަށް ފައިސާ ލިބެންދެން އިހްތިޖާޖަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާދެ އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ، މަސައްކަތްކޮށްފަ މަސައްކަތުގެ އުޖޫރަ ނުލިބޭ ކަމުގަވާ ނަމަ، އެ ހޯދުމަށްޓަކައި އެންމެހާ މަސައްކަތްތެރިން މުޒާހަރާކޮށްގެން ވެސް ހޯދަން ޖެހޭ، އަދި ހުރިހާ މަސްވެރިން އެކުގައި ނުކުމެ ވެސް މަސްވެރިންނަށް ނުލިބިވާ ފައިސާ ހޯދުން، އެއީ ވަރަށް މުހިންމު ކަމެކޭ، އަދި އެކަމުގައި ވީހާވެސް ގިނަ މަސްވެރިން އައްޑޫ މުޒާހަރާގައި ވެސް ބައިވެރިވުމަކީ އެއީ މިހާރު ކުރަމުންދާ މުޒާހަރާއަށް އިތުރު ހިތްވަރު ލިބި، ސަރުކާރަށް މަޖުބޫރުކަން އިތުރުވެގެން ދާނެ ފައިސާ ދިނުމަށްޓަކައި،"

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވަނީ ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 851 މިލިއަން ރުފިޔާ ދޫކޮށް ޚަލާސްކޮށްފައެވެ.