ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ޕޮލެންޑާ އޮސްޓްރިއާ ވާދަކުރި މެޗު 1-3 އިން އޮސްޓްރިއާ ކާމިޔާބުކޮށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މި ދެ ޓީމުވެސް ބަލިވި އިރު އޮސްޓްރިއާ ބަލިވީ 1-0 އިން ފްރާންސް އަތުންނެވެ. އަދި ޕޮލެންޑް ބަލިވީ 1-2 އިން ނެދެލޭންޑްސް އަތުންނެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ އޮސްޓްރިއާއިންނެވެ. މެޗުގެ 9 ވަނަ މިނެޓްގައި އެލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ގާނޯޓް ޓްރައުނާއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޮލެންޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އަލަށް ޕޮލެންޑަށް މިރޭ ކުޅުނު ދިނީ ޕިއަޓެކްއެވެ.

މެޗުގެ ފުރަތަމަ ހާފް 1-1 އިން ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު ޕޮލެންޑުން ވަނީ ދެވަނަ ހާފްގައި ކުޅުން ވަރުގަދަކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 66 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކްރިސްޓޯފް ބައުމްގާޓްނާއެވެ.

އޮސްޓްރިއާގެ ދެވަނަ ލަނޑު ޖެހި ބައުމްގަޓްނާއަކީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ/ފޮޓޯ: އެކްސް

އެއަށް ފަހު ވެސް މެޗުގައި ލަނޑެއް ޖެހީ އޮސްޓްރިއާއިންނެވެ. މިގޮތުން، މެޗުގެ 78 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން އަރްނަޓޮވިޗްއެވެ. މިލަނޑުުގެ ފަހުން ވެސް އޮސްޓްރިއާއަށް އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް މިމެޗު ނިމުނީ 1-3 އިން އެޓީމު ކުރީގައި އޮވެގެންނެވެ.

މި ނަތީޖާގެ ސަބަބުން ދެވަނަ ބުރަށް ދިއުމަށް އޮސްޓްރިއާއިން ކުރަމުންދާ އުއްމީދު މިވަނީ އަލުން އާވެފައެވެ. ދެ މެޗު ކުޅެ ތިން ޕޮއިންޓް އެޓީމަށް ލިބިފައިވާ އިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެޓީމުން ވާދަކުރާނީ ނެދަލޭންޑްސްއާ އެވެ.

މިމެޗުން ބަލިވުމުން ޕޮލެންޑަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މިވަނީ ހަނިވެފައެވެ. މިގޮތުން މިރޭ ދަންވަރު ފްރާންސްއާ ނެދަލޭންޑްސް ކުޅޭ މެޗުން ފްރާންސް މޮޅުވެއްޖެނަމަ ޕޮލެންޑް މުބާރާތުން ކަޓާނެއެވެ. އެމެޗު އެއްވަރުވި ނަމަވެސް ޕޮލެންޑް މުބާރާތުން ކަޓާނެއެވެ. އަދި ނެދެލޭންޑްސް މޮޅުވެއްޖެނަމަ ޕޮލެންޑަށް ދެވަނަ ބުރަށް ދެވޭނީ އެންމެ ފަހު މެޗުގައި ފްރާންސް ބަލިކޮށްގެންނެވެ.