ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި ހިމެނޭ ތިން ގްރޫޕެއްގެ 12 ޓީމު މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު ކުޅުނު ދެމެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރެވުނީ ހަމައެކަނި ޖާމަނީ އަށާއި ސްޕެއިންއަށެވެ.
މިއަދު ވެސް ދެ ގްރޫޕެއްގެ ތިން މެޗު ކުޅޭ އިރު ދެވަނަ ބުރުގެ ޖާގަ ތިން ޓީމަކަށް ކަށަވަރު ކުރެވިދާނެއެވެ.
ހަވީރު ހައެއް ޖަހާ އިރު ކުޅޭނީ ސްލޮވާކިއާއާ ޔޫކްރެއިން
ގްރޫޕް އީގައި މިދެ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުގައި ފެނިގެން ދިޔައީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހައިރާން ކުރުވަނިވި ނަތީޖާތަކެވެ. މިގޮތުން، ސްލޮވާކިއާ ވަނީ ވޯލްޑް ރޭންކިންގްގެ ތިން ވަނައިގައި އޮތް ބެލްޖިއަމް 1-0 އިން ބަލިކޮށްފައެވެ. އަނެއްކޮޅުން، ޔޫކްރެއިންއިން ކުޅުނު ފުރަތަމަ މެޗުގައި ރޯމޭނިއާ ވަނީ އެޓީމުގެ ކޮޅަށް ތިން ލަނޑު ޖަހާ ޔޫކްރެއިން ސިއްސުވާލާފައެވެ.
މިއަދުގެ މެޗުން މޮޅުވެގެން ސްލޮވާކިއާއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހި ކުރެވޭނެއެވެ. އަދި ސްލޮވާކިއާގެ އަތުން ބަލިވެއްޖެނަމަ ޔޫކްރެއިން މުބާރާތުން ކެޓުމާ ވަރަށް ގާތްވާނެއެވެ.
ރޭގަނޑު ނުވާއެއް ޖަހާ އިރު ޕޮލެންޑް އަދި އޮސްޓްރިއާ
ގްރޫޕް ޑީގައި މި ދެޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން ދެ ޓީމު ވެސް ވަނީ ބަލިވެފައެވެ. މިގޮތުން، ޕޮލެންޑުން ނެދެލޭންޑްސްއާ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިނަމަވެސް ނެދެލޭންޑްސްއިން ވަނީ ފަހަތުން އަރާ 2 ލަނޑު ޖަހާ 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، އޮސްޓްރިއާގެ ފުރަތަމަ މެޗުގައި ފްރާންސްއާ ވާދަކުރި އިރު އެމެޗުން އޮސްޓްރިއާ ބަލިވީ ހަނިގޮތަކަށެވެ. މިގޮތުން، އޮސްޓްރިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު އެޓީމު ދަށްވީ 1-0 އިންނެވެ.
މުބާރާތުގައި ކުރިއަށް ދިއުމަށް މި ދެ ޓީމަށް ވެސް މިއަދުގެ މެޗުން ނަތީޖާއެއް ނެރުމަށް މުހިންމެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި ދެ ޓީމުން ވެސް ގްރޫޕްގައި ހިމެނޭ ވަރުގަދަ ޓީމުތަކާ ވާދަކުރަން ޖެހޭނެ އިރު މި މެޗު މުހިންމު ވަނީ މިސަބަބަށްޓަކާ ވެސްމެއެވެ.
ގްރޫޕް ޑީގެ ފަހު މެޗުތަކުގައި ޕޮލެންޑް ފްރާންސްއާ ދެކޮޅަށް ނިކުންނަ އިރު އޮސްޓްރިއާ ކުޅޭނީ ނެދެލޭންޑްސްއާއެވެ.
މިރޭ ދަންވަރު ވެސް ވަރުގަދަ މެޗެއް
ރޭ ސްޕެއިންއާ އިޓަލީ ކުޅުނު މެޗު 1-0 އިން ނިމުނު ނަމަވެސް ރޭގެ މެޗަކީ މިމުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އެއް މެޗެވެ. މިއާއެކު، މިރޭ ގްރޫޕް ޑީގައި ފްރާންސްއާ ނެދެލޭންޑްސް ވާދަ ކުރާ މެޗު ވެސް ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. މުބާރާތުގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުން މޮޅުވި ނަމަވެސް އެމެޗުގައި ކެޕްޓަން ކިލިއަން އެމްބާޕޭއަށް ލިބުނު އަނިޔާއެއްގައި އޭނާގެ ނޭފަތު ކަށިގަނޑު ބިނދުނު އިރު ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗެއްގައި އޭނާ ނުފެންނާނެ ކަމަށް ބެލެވުނެވެ.
އެހެން ނަމަވެސް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނީ އެމްބާޕޭގެ ރަނގަޅުވަމުން އަންނަ ކަމަށާ މިރޭގެ މެޗުން އޭނާ ފެނުން އެކަށިގެންވާ ކަމަށެވެ. ނެދެލޭންޑްސްއިން އުއްމީދުކުރާނީ މިރޭގެ މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކުރުމަށެވެ.