މާލެ ސަރަހައްދުގައި ކުށްކުރުން އިތުރުވެފައިވަނީ ނިމިދިޔަ ސަރުކާރުގައި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން ކަމަށް ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވުމާއެކު އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރައްދު ދީފިއެވެ.
އިއްޔެ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާަޅުވީ، މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށާއި މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށެވެ. އަދި ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައި ވުމުން ކަމަށާއި ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށެވެ.
އެ ތުހުމަތުތަކަށް ރައްދު ދެމުން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ކުށްވެރިން ދޫކޮށްފައިވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ ދޫކުރި ކުށްވެރިންގެ ލިސްޓު އާންމު ކުރުމަށްވެސް ގޮވާލާފައެވެ.
އަދި ހަމައެހެންމެ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ގާނޫނީ ފުރުސަތު އޮންނަ ކަމަށާއި މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ.
"ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ. އެމްޑީޕީގެ ސަރުކާރުގައި، ހުކުން ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައިވާނީ އެކަމަށް ހާއްސަ ގާނޫނު ކަމުގައިވާ، ގާނޫނު ނަންބަރު 2/2010 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ގާނޫނާއި އެއްގޮތުގެ މަތިން މިނިވަންކޮށްފައިވާނީ އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހުލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެ ފަދަ މީހުން ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި ހަމައެހެންމެ އެ މީހުން މިނިވަންކޮށްފައިވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މައާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅާފައި ކަމަށް އެ ޕާޓީން ބުނެއެވެ.
ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ގާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ގާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާއިރު، ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
25 އަހަރަށް ޖަލަށްލާފަ ތިބި 47 މީހުން ވަނީ އމޞ އިންތިޚާބަށް ދޫކޮށްފަ. އަދި 13،18،9، މިއަދދުތަކުގެ އެތައް ބައިވަރު. ގިނައީ މަސްތުވާ ތަކެތި ޓްރެފިކް ކުރުމުވެ މީހުން. ޕެރޯލް ބޯޑަށް ނުފޫޒު ފޯރުވައިގެން ބޮޑެތި ލިސްޓްތައް ހަދާފަ ދޫކުރީ. އެންމެ ފުރަތަމަ އަނބުރާ ޖަލަށް ލާން ޖެހެނީ އަދީބުއާ އޭނާގެ ބައިވެއރިޔާ އމޞ.
އެމްޑީޕީ އަކީ މިގައުމަށް ޖެހިފައިވާ ބޮޑުބަލާއެއް ފައްޔާޒަކީ ޝާހިދަކާ ކިނބުލަކީ ގަންޖާޔަކާ މިގައުމަށް ޖެހުނު ނޮހޮރޮއްޕާން