ހޯމަދުވަހުގެ ރޭ މަރުފައި ވަނީ ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރި އިންޑިއާގެ ބިދޭސީއެއް ކަމަށާއި ސިނަމާލެ ބްރިޖު މަރާމާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު މަރުވި ކަމަށް ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ހަބަރުތަކަކީ ސައްހަނޫން ހަބަރެއްކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ތިލަމާލެ ބްރިޖު ސައިޓުގައި މަރުވި ފަރާތުގެ އާއިލާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ވަނީ ތައުޒިޔާ ކިޔާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް އަނބުރައިގަނެގެން ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ. އެ ހޮސްޕިޓަލާއި ހަވަލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހަދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަަށް 8.2 ބިލިއަން ރުފިޔާ ހަރަދު ވެއެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.