ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ނުނަގާ ހުރި ހަޓުތައް އެޗްޑީސީން ނަގަން ފަށައިފިއެވެ.

އެޗްޑީސީން ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ބަހައްޓާފައި ހުރި ހަޓުތައް މިދިޔަ ހޮނިހިރު ދުވަހުގެ ކުރިން ނެގުމަށް، އެ ތަންތަނުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް އަންގައިފައެވެ.

އެކަމަކު ދިން މުއްދަތު ފަހަނައަޅާ ދިޔަ އިރު ވެސް ބައެއް ފަރާތްތަކުން ހަޓުތަކުގައި ވިޔަފާރިކުރަމުން ދިޔަ ކަމަށް، އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން މީގެ ކުރިން ވަނީ، ވިޔަފާރިކުރުމަށް ބަހައްޓާފައި ހުރި ހަޓުތައް ނަގަން ޖެހިއްޖެ ހާލަތެއްގައި ނަގާނެ ކަމަށާއި، ހަޓުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ވަގުތު ހަޓުތަކަށް ލިބޭ ގެއްލުންތަކަށް ޒިންމާ ނުވާނެ ކަން ހާމަކޮށްފައެވެ.

ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ބަހައްޓާފައި ހުރި ހަޓުތައް ނަގަން އެޗްޑީސީން އަންގާފައިވަނީ، ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާ އެކު އެ ސަރަހައްދު ތަރައްގީކުރުމަށެވެ. އެޗްޑީސީން ބުނީ، ބީޗް ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އެ ސަރަހައްދު އަލުން ހުޅުވާލާނެ ކަމަށެވެ.