ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން އީދު ފާހަގަ ކުރުން ހުއްދައެއް ނުވާނެ ކަމަށާއި އެފަދަ ކަންކަމަކީ ހުރާފީ ބާތިލް ކަންކަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އިސްލާމް ދީނަކީ ދިވެހިންނަށް ދަރުމަ ކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި، އީދު ފާހަގަ ކުރަން ޖެހޭނީ އިސްލާމީ ސަގާފަތުގެ ތެރެއިން ކަމަށެވެ. އެގޮތުން ސަގާފަތުގެ ނަމުގައި ހުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށާއި އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވުން ޝަރުއީ ގޮތުން ހުއްދަ ނުވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ އީދުގައި ކުޅިވަރު ކުޅުމާއި އުފާ ފާޅުކުރުމަކީ އޮންނަން ޖެހޭ ކަންކަން ކަމަށާއި ނަމަވެސް އިސްލާމީ އީދުތައް ފާހަގަ ކުރަން ޖެހޭނީ އިސްލާމީ ސަގާފަތާ އެއްގޮތަށް ކަމަށެވެ.

ދިވެހިންގެ ތެރޭގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އީދަކީ އަޟްހާ އީދު ނޫނީ ބޮޑު އީދެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަ ކުރާ އިރު، ކޮންމެ އަހަރަކު ވެސް އެތައް ކުޅިވަރުތަކަކާއި އެތަށް ހަރަކާތްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދެއެވެ.

މާލި ނެރުމާއި، ފެން ޖެހުމާއި، ކުލަ ޖެހުމާއި އީދު ޝޯތަކާއި ތަފާތު ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.