ރަޝިއާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން އެފް16 މަރުކާގެ ބޮން އަޅާ ބޯޓުތަކަށް ޔޫކްރައިންގެ ޕައިލެޓުން އަރަން ކައިރިވެއްޖެއެވެ. 6 މަސް ދުވަހުގެ ޓްރެއިނިން އެއް ފުރިހަމަ ކޮށް ޔޫކްރައިންގެ ވައިގެ ތެރޭގައި އެފް16 ދުއްވަން ފަށަން ވަގުތު ކުޑަތަންވެފައި ވާ އިރު, ބައެއް ފަރާތްތަކުން ބުނަނީ, އެއީ 'ސުވަރުގެއިން ފޮނުވާ މަންނާ' ކަމަށެވެ.
މަންނާ އަކީ ނަބީބޭކަލުންގެ ޒަމާނުގައި ސުވަރުގެއިން ބިމަށް ފޮނުވި ކާއެއްޗެކެވެ.
އެފް16 ބޯޓަކަށް އަރާވަޑައިގެން ފޮޓޯއެއް ނަންގަވާ ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އާންމު ކުރައްވާފައި ވާ އިރު ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެ ބޯޓުތަކުގެ ފުރަތަމަ ޝިޕްމަންޓް ޔޫކްރައިން އަށް ލިބޭނެ ކަމަށް ހަބަރުތައް ބުނެއެވެ. އެއް އިންޖީން ހުންނަ މި ބޯޓުތަކަކީ 'ފައިޓާ ފެލްކަން, ނުވަތަ 'ވައިޕާ' ގެ ނަމުން މަޝްހޫރު އަދި ހޮލީވްޑްގެ ފިލްމުތަކުގައި ވެސް ބޭނުން ކުރާ ޒާތުގެ ބޯޓުތަކެވެ. އެމެރިކާގެ އުފެއްދުމެއް ކަމަށް ވާ މި ބްރޭންޑްގެ ބޯޓުތައް ވިއެޓްނާމް ހަނގުރާމައަށް ފަހު އެމެރިކާއިން ވަނީ އިތުރަށް ތަރައްގީ ކޮށްފައެވެ.
ހަނގުރާމަ ތަކުގައި އެންމެ ކާމިޔާބު ކަމާއެކު ބޭނުން ކުރާ އެފް16 މަރުކާގެ ބޯޓުތައް2 ޔޫކްރައިން އަށް ލިބުނު ނަމަވެސް މި ބޯޓުތައް ގޮއްވާލައި ފަރާތްތަކަށް މިހާރުވެސް އިނާމު ހުށަހަޅާފައި ވުމުން މިއީ މައިދާނަށް ނެރުމުގެ ކުރިންވެސް އިނާމު ކަނޑައަޅާފައި ވާ ބޯޓުތަކެކެވެ.
ތެޔޮނަގާ ކުންފުނިތަކަށް ބޭނުންވާ އާލާތްތައް އުފައްދާ ރަޝިއާގެ ކުންފުންޏަކުން ވަނީ އެފް16 މަރުކާގެ ބޯޓެއް އެންމެ ފުރަތަމަ ވައްޓާލައި މީހަކަށް 170,000 އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ. މިއީ ޔޫކްރައިނަށް އޮތް ގޮންޖެހުމަކަށް ވާ އިރު ރަޝިއާއިން ބުނެފައި ވަނީ, އެފް16 އުދުއްސުން ޔޫކްރައިން އަށް ވަނީ ވޭނަކަށް ކަމަށާއި ރަޝިއާގެ 300 ކިލޯމީޓަރުގެ ރާސްތާ ލިބިގެންވާ ސުޕާސޮނިކް މިސައިލްތަކުން ޔޫކްރައިންގެ ޖައްވު ފުރާލާނެ ކަމަށް ބުނެފައެވެ. ޔޫކްރައިން އިން އުދުއްސަން ތައްޔާރުވާ އެފް16 އަކީ, މިސައިލާއި ބޮން ހަރުކުރެވޭ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ ބޯޓުތަކެއް ނަމަވެސް އޭގައި ހަރުކުރާ މިސައިލަށް ލިބިގެންވާ ރާސްތާ އަކީ 120 ކިލޯމީޓަރެވެ.