ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަމަށާ ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ގައުމީ ފެންވަރުގައި ވަރަށް އަވަހަށް މަޝްވަރާތަކެއް ކުރަންޖެހޭކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
'ޕީއެސްއެމް'ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އައިޝަތު ޝިހާމް ވިދާޅުވީ އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވެސް ކުރިމަތިވެފައިވާ ކަމެއް ކަމަށެެވެ. އަދި އެ ގައުމުތަކުންވެސް މިހާރު އެކަންކަމަށް ފިޔަވަޅު އަޅަމުން އަންނަކަން ފާހަގަކުރައްވަމުން އައިޝަތު ޝިހާމް ވިދާޅުވީ އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައްވެސް ދެމުން އަންނައިރު ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމުތައްވެސް ގައުމުތަކުގައި ހަރުދަނާކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން އައިޝަތު ޝިހާމްވަނީ އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ލިބިފައިވާ ހަނި ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ރާއްޖެއަށް ނުހިފިއްޖެނަމަ އެއީ، ގައުމީ ތަރައްގީއަށް އެޅިގެންދާނެ ހުރަހެއްކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަންވާކަން އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާފައިވާއިރު އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ގައުމީ ފެންވަރުގައި އަމަލު ކުރަންޖެހޭ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރަންޖެހޭކަމަށެވެ.