ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތަކާއި މާލި ނެށުމާއި، ދަނޑި ޖެހުމާއި، ކުރުފަލި ޖެހުމާއި، ބޮޑުބެރާއި، ދަފި ނެގުން ފަދަ ގިނަ މުނިފުހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ އީދެކެވެ. ހަމައެއާއެކު ފެންކުޅި ކުޅުމާއި ކުލަ ޖެހުމަކީ ވެސް މިހާރު ދިވެހިންގެ އީދު ކުޅިވަރު ތެރޭގައި ފޯރިއާ އެކު ކުރަމުން އަންނަ ކަންކަމެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ވެސް އީދު ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ އިރު ހދ. ކުޅުދުއްފުއްޓަކީ ވަރަށް ތަފާތުކޮށް ކޮންމެ އަހަރެއްގެ ވެސް އީދު ފާހަގަ ކުރާ ރަށެކެވެ. އެ ގޮތުން އެ ރަށުގެ މަށިމާލި ޕެރޭޑަކީ އެތައް ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ހަރަކާތެވެ.

މަށިމާލި ޕެރޭޑްގެ ބައިވެރިން / ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

އީދާ ދިމާކޮށް އެ ރަށުގެ ޒުވާނުން އިންތިޒާމްކޮށް ބާއްވާ މި ޕެރޭޑުގައި އެ ދުވަސްވަރެއްގެ އެންމެ ބޮޑަށް އާންމުންގެ ސަމާލުކަން ހުއްޓޭ، އަދި އެކަމަކަށް ފާޑުކިޔުން އަމާޒުވެ އެންމެ ހޫނުވެގެންދާ ބައެއް ކަންކަމާ ގުޅުން ހުންނަ ކަންކަން މަށިމާލި ޕެރޭޑުން ދައްކާލައެވެ. މި ޕެރޭޑުގައި މަށިލައިގެން އުޅޭ މާލިތަކާއި، ކަޅުތެލާ އެކު އުޅޭ މާލީތަކުގެ އިތުރުން އެ ރަށުގެ މަސައްކަތްތެރިކަން ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މަށިމާލި ޕެރޭޑް: މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ މައްސަލަ ދައްކުވައިދޭ ފުޅަނދު / ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

އެ ގޮތުން މި ފަހަރުގެ ޕެރޭޑުގައި އެންމެ ފާހަގަކޮށްލެވޭ ފުޅަނދުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދާއި، މިޔަރުގެ ހަމަލާގެ ވާހަކަތަކާއި، ހޫނު މޫސުމަށް ވުރެ ފިނި މޫސުމުގައި ކަރަންޓް ބިލު ބޮޑުވި މައްސަލަ ފާހަގަ ކޮށްލެވެއެވެ. ހަމައެއާއެކު ޓޫރިޒަމް މިނިސްޓަރަށާއި ރައްޔިތުން މަޖިލީހުގެ ރައީސަށް "ޖޯކު ޖަހައި" ޝުއޫރުތައް ފާޅުކޮށްފައި ހުރި ލިޔުން ހިފައިގެން މި ޕެރޭޑްގައި ވަނީ ހިނގާފައެވެ.

މަށިމާލި ޕެރޭޑް: ހިސާބު ސޯ ދައްކުވައިދޭ ފުޅަނދު / ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

ހަމައެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން 2000 ހައުސިން ޔުނިޓާއި، ކުޅުދުއްފުށީ ސަރަހައްދުގައި އަޅަން ވައުދުވެވަޑައިގެން ސްޕޯޓްސް ކަނޑުފަތި ވެސް ވަނީ މި ޕެރޭޑުގައި ދައްކާލާފައެވެ.

މަށިމާލި ޕެރޭޑް: މިޔަރެއް ޑައިވް ކުރަން ދިޔަ މީހާކު ކާލާފައިވާ މަންޒަރު ދައްކުވައިދޭ ފުޅަނދު / ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

މިދިޔަ އަހަރުތަކާ އަލާ ބަލާއިރު، މި އަހަރު ސިޔާސީ ކަންކމުގައި ފާޑު ކިޔައިގެން ހަދާފައި ފުޅަނދުތައް މަދުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެންމެ ކުރިން ފެށިގެން ވެސް ކުޅުދުއްފުށީ މަށިމާލި ޕެރޭޑުން ފެންނަ މިސައިލްތަކާއި، ބުއްފުޅިބޯ ކުއްޖާއި، ދުންމާރި ފުމޭ މާލިތައް މި ފަހަރުގެ ޕެރޭޑުން ވެސް ވަނީ ފެނިގެން ގޮސްފައެެވެ.

މަށިމާލި ޕެރޭޑް: ޖަނަރޭޓަރުތައް އޯވާލޯޑް ވެގެން ބެކްއަޕް ޖަނަރޭޓަރު ދެން ޖެހުނު މައްސަލަ ދައްކުވައިދޭ ފުޅަނދު / ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

ކޮންމެ އަހަަރަކު ވެސް އީދު ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ބާއްވާ މި ޕެރޭޑަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ޕްރޭޑެކެވެ. އެއް ބަޔަކަށް މި ޕެރޭޑް ޖޯކަކަށް ވެ މަޖާވެގެން އުޅުނަސް އަނެއް ބަޔަކު އަންނަނީ މި ޕެރޭޑަށް ފާޑުކިޔަމުންނެވެ. އެ މީހުން ބުނާ ގޮތުގައި މީހުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމަކީ އީދު ކުޅިވަރެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

މަށިމާލި ޕެރޭޑް: ނުނިމުނު މެއި މަސް އަދި ވީ ވައުދުތައް ދައްކުވައިދޭ ފުޅަނދު / ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

އީދު މަޖަލުގައި ކުޅުދުއްފުށިން މި ފަދަ ޕެރޭޑެއް ބޭއްވި މީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބިޒްނަސް މީޓިން ރޫމް ދައްކުވައިދޭ ފުޅަނދުތަކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އާއި އަނބިކަނަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކަމަށް ސިފަވާގޮތަށް ދައްކާފައިވާ މާލިތައް ވެސް ވަނީ ޕެރޭޑްގައި ހިމަނާފައެވެ. ހަމައެއާއެކު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ޖޯކް ޖަހާފައި ހިޔާގައި ތިބި ކުދިންގެ ތެރެއިން ބެޑްޝީޓް ދަށުގައި ފިލައި އޮތް ކުއްޖަކު ގެއްލުނު މައްސަލައަށް ވެސް ޖޯކް ޖެހި ޕެރޭޑްތައް ވެސް މާޒީވެގެން ވަނީ ގޮސްފައެވެ.

ކުޅުދުއްފުށީ އީދު ޝޯވްއަށް ޔާރާ ޓީމް ކުޅުދުއްފުށީގައި

ބޮޑު އީދުގެ ކުޅިވަރުތަކުގެ ތެރެއިން ކުޅުދުއްފުށި މަށިމާލި ޕެރޭދް މިއަދު ހަވިރު ނިންމާލާފައިވާ އިރު، ދެން ކުރިއަށްދާ އެންމެ ފޮރިގަދަ އެއް އައިޓަމަކީ އީދު ޝޯވްއެވެ. މި ފަހަރުގެ އީދު ޝޯވްގައި ރާއްޖޭގެ މަޝްހޫރު "ޔާރާ ޓީމް" ވަނީ އެރަށަށް ގޮސްފައެވެ. ކުޅުދުއްފުށީގައި އީދު ޝޯވް ދިނުމަށް ޔާރާ ޓީމުން ބައިވެރިވާ ހާއްސަ ތަރަިންގެ ތެރޭގައި ރިޝްމީ، އަޒޭ، ޖުމާ، ރޯމަން، ނުޒޫ ފާޙަގަ ކޮށްލެވެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑަލް އިން ވިދާޅި ޝަލަބީ އާއި ޝައިނާ ގެ އިތުރުން ދަ ޓައިމް ބޭންޑް އަދި ހަބޭސް ބޮޑުބެރު ގްރޫޕް މި ޝޯވް އިން ފެނިގެން ދާނެއެވެ.