ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާއަށް 80 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯ އިން ބުނީ، 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައ،ި އެ އަހަރުގެ ފައިދާއިން، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ (އަށްޑިހަ ރުފިޔާ) ބަހަން ހުށަހެޅުމަށް، 15 ޖޫން 2024 ވީ ހޮނިހިރު ދުވަހު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އަދި މި އަދަދު ފާސް ކޮށްދިނުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެ އަދަދު ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމަށްފަހު ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ހިއްސާދާރުންނާއެކު މި މަހުގެ 8 ވަނަ ދުވަހު ނުރަސްމީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
މިއީ ހިއްސާދާރުންނާއެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއް ކަމަށް ވުމާއެކު މި ބައްދަލުވުމަށް ޕްރޮކްސީ އައްޔަން ކުރުމެއް ނެތެވެ. އަދި މި ބައްދަލުވުމުގައި ބައިވެރި ކޮށްފައިވަނީ ރަޖިސްޓަރީކުރާ ތާރީހާ ހަމައަށް އުމުރުން 16 އަހަރު ފުރިފައިވާ ކުންފުނީގެ ހިއްސާދާރުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 617 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާ އިރު 18 ޕަސެންޓްގެ ކުރިއެރުމެކެވެ.