ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު މިނާއަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ހައްޖު މިޝަންއިން ބުނެފިއެވެ.

ހުރިހާ ހައްޖު ވެރިން މިނާއަށް ގޮސްފައި ވާއިރު، ހައްޖު މިޝަންއިން ބުނީ ހުރިހާ ހައްޖުވެރިންގެ ހާލު ވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ.

މިއަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަން އަށް އެކަނިއެވެ. އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައްޖުވެރިން ތިން ގްރޫޕެއް މީގެ ކުރިން މައްކާއަށް ގޮސްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ހަރަދުގައި ފަގީރުން ހައްޖަށް ފޮނުވުމުގެ ވައުދުފުޅުގެ ދަށުން 50 މީހަކު މި ފަހަރު ވަނީ ހައްޖަށް ފޮނުވާފައެވެ.

ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި މި އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އެޑިއުކޭޝަން މިނިސްޓްރު އިސްމާއިލް ޝަފީއުއެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ވަޑައިގެންފައެވެ.