ކުރިއަށް އޮތް 3 އަހަރުގެ ތާރީހުގައި ހަތަރު ފުރޮޅުލީ ވެހިކަލްތަކެއް ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެއް، ފުލުހުން ބަލަން ފަށައިފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ މި މައްސަލަ ފާހަގަ ކުރެވިފައި ވަނީ އެމްއޭސީއެލްގެ ވެހިކަލް ހޯދުމަށް ހިންގި ތަހުގީގު ތެރެއިން ކަމަށެވެ.

ދާއޫދު ވިދާޅުވީ އެމްއޭސީއެލްގެ ވެހިކަލް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އިމިގްރޭޝަން އިން ގެއްލިގެން ރިޕޯޓް ކޮށްފައިވާ ވެހިކަލް ވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ވެހިކަލް އޮތީ ހެންވޭރު އީރަމްމާގޭގައި ކަމަށާއި ވެހިކަލްގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށްފައި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މި ވައްކަމުގެ ތެރޭގައި ވަގުން ގެންދާ ހަތަރު ފުރޮޅުލީ ވެހިކަލްތަކުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާ ކަހާލުމަށްފަހު ފުޅާ ދާއިރާއެއްގައި މާލޭގައި ވިޔަފާރި ކުރާކަން ތަހުގީގުން އެނގިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި މި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފައި ވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ދާއޫދު ވިދާޅުވީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ މ. މޮޑެންޕޮއިންޓް، އަހުމަދު ނިޒާމް (43 އަހަރު) އަދި އެމްއޭސީއެލްގެ ވެހިކަލް ވަގަށް ނެގުމުގައި ބައިވެރިކަމުގެ ތުހުމަތު ކުރެވޭ އެ ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ މ. ސީނިއަސުރުމާގެ މުހައްމަދު ހައިޝަމް (42 އަހަރު) ކަމަށެވެ.

ތަހުގީގުން އެނގުނު ގޮތުގައި ނިޒާމްގެ ނަންމަތީ 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައި ވާއިރު، އޭގެތެރޭގައި 4 ފުރޮޅުލީ 86 ވެހިކަލް ހިމެނެއެވެ. މި 86 ވެހިކަލްގެ ތެރެއިން ނިޒާމްގެ އަންހެނުންގެ ނަމުގައި 42 ވެހިކަލް އަދި 44 ވެހިކަލް އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ.

ދާއޫދު ވިދާޅުވީ 86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު، 86 ގަރާޖު ސިޓީ މާލޭގައި އޮންނަންޖޭނެކަން ގަބޫލުކުރައްވާ ކަމަށާއި މިހާ ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްފައި ވާތީ ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް މި މައްސަލަ ބަލާފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން 2025، 2026 އަދި 2027 މި އަހަރުތަކުގެ ތާރީހުތަކުގައި ވެހިކަލް ރަޖިސްޓްރީކޮށް، ވެހިކަލްގެ ރަޖިސްޓްރީ ދޫކޮށްފައި ވާކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލާގައި ސީރިއަސް ތަހުގީގެއް ހިންގުމަށް ފުލުހުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި ނިޒާމްގެ މައްސަލަ ތަހުގީގު ކޮށްފައިވީ ނަމަވެސް މި މައްސަލައިގެ ބޮޑު ކަމާއި ފުން ކަމާއި އިންތައް ހުރި ވަރު ނޭނގޭތީ، ޓްރާންސްޕޯޓް ތެރެއިން މި ޖަރީމާ ހިންގި ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމުގެ ތަހުގީގު ކުރަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ވެހިކަލް ރަޖިސްޓްރީ ވަގަށް ހަދާ، ޑޮމެއިން ވިއްކާ ހަދާ މައްސަލަ އެންމެ ބޮޑަ ފެންމަތިވި އިރު މިނިސްޓަރަކަށް އިންނެވީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.