220 ގްރާމްގެ ކެނަބިސްއާ އެކު ހައްޔަރު ކުރި މ. އިރާކުމާގެ، މުހައްމަދު ލަމްއާން ސޮބާހް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ލަމްއާން ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ 9:14 ގައި ބުރުޒު މަގުގައި ހުންނަ ކޮފީކޯނާ ކައިރީގައި އޭނާ ހުއްޓާ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއަށްފަހު އޭނާ ދިރިއުޅޭ ގެ ކަމަށް ވާ ހ. ދިއްގާމާގޭ ގެ ތިންވަނަ ފަނގިފިލާގައި ހުންނަ އެޕާޓްމަންޓަށް ގެންގޮސް އެ އެޕާޓްމަންޓް ބަލައި ފާސްކުރިއެވެ. އަދި އެ އެޕާޓްމަންޓްގައި ގާނޫނާ ހިލާފް އެއްވެސް އެއްޗެއް ހުންނާނެތޯ ސުވާލު ކުރުމުން ލަމްއާން ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ކަބަޑުގައި މަސްތުވާ ތަކެތި ހުންނާނެ ކަމަށް ބުނެފައެވެ.

ލަމްއާން ދެއްކި ކަބަޑު ބަލައި ފާސް ކުރި އިރު، ކެނަބިސް ޕެކްކޮށްފައި ހުރި ސެލޯފީން ތަކެއް ބަހައްތާފައި ހުރި ރަބަރު ކޮތަޅުތަކެއް ވަނީ ފެނިފައެވެ. އެ ގޮތުން ފޮތި ކޮތަޅެއްގެ ތެރޭގައި އޮތް 6 ރަބަރު ޕެކެޓެއް ފެނިފައިވާ އިރު، އެއިން ކޮންމެ ރަބަރު ޕެކެޓެއްގެ ތެރެއިން 15 ސެލޯފިން ކޮޅު ވަނީ ފެނިފައެވެ. ޖުމްލަ 90 ސެލޯފިން ކޮޅުގައި 52 ގްރާމް ކެނަބިސް ހުރި ކަމަށް އެ ތަކެތި ތަހުލީލް ރިޕޯޓްތަކުން ދައްކައެވެ.

ހަމައެއާއެކު އެ ފޮތިކޮތަޅުތެރޭގައި އޮތް ސިޓީއުރައެއްގެ ތެރެއިން 9 ރަބަރު ޕެކެޓް ފެނިފައި ވާ އިރު އެއިން ކޮންމެ ޕެކެޓެއްގައި 25 ސެލޯފިންކޮޅު އޮތެވެ. ޖުމްލަ 225 ސެލޯފިން ކޮޅު އެ ސިޓީ އުރައިން ފެނިފައިވާ އިރު އޭގައި ހުރީ 138.63 ގްރާމްގެ ކެނަބިސް ކަމަށް ތަހުލީލް ރިޕޯޓުން ދައްކައެވެ. މީގެ އިތުރުން އެ ކަބަޑުގައި ހުރި ކަރުދާސް ކޮތަޅެއްގެ ތެރެއިން 4 ރަބަރު ޕެކެޓް ފެނިފައިވާ އިރު، އެއިން ކޮންމެ ރަބަރު ޕެކެޓެއްގެ ތެރޭގައި 15 ސެލޯފިންކޮޅު އޮތެވެ. އެ ކަރުދާސް ކޮތަޅުގެ ތެރެއިން ވަނީ ޖުމްލަ 60 ސެލޯފިން ކޮޅު ފެނިފައި ކަމަށާއި އޭގައި 30 ގްރާމްގެ ކެނަބިސް ހުރި ކަމަށް ތަހުލީލް ރިޕޯޓުން ދައްކައެެވެ.

އެ ދުވަހު ލަމްއާން ގެއިން ފުލުހުން ވަނީ ޖުމްލަ 220 ގްރާމްގެ ކެނަބިސް ހޯދާފައެވެ. އެއީ 375 ސެލޯފިން ކޮޅުގައި ބަންދުކޮށްފައި ހުރި ތަކެއްޗެވެ. އަދި ލަމްއާން ވަނީ ކެނަބިސް އަށް ޕޮޒިޓިވްވެފައި ކަމަށް ވެސް ފުލުހުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ދައްކައެވެ.

ޝަރީއަތުގައި ލަމްއާން ވަނީ އޭއީ އޭނާގެ އެއްޗެހި ނޫން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރު ކޮށްފައެވެ. އެއީ އޭނާގެ އަންހެނުންގެ ކޮއްކޮ ގެނެސް ބެހެއްޓި އެއްޗެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ލަމްއާންގެ މައްޗށް ކުށް ސާބިތުވާ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ވެއެވެ. އަދި އެ އެޕާޓްމަންޓަކީ ލަމްއާން ދިރިއުޅެމުންދާ ތަން ކަން ވެސް ވަނީ ކަށަވަރު ކޮށްފައެވެ. އަދި އެކަމަށް ލަމްއާން އިންކާރެއް ވެސް ނުކުރެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ލަމްއާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުގައި 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. ހަމައެއާއެކު 100،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރާ ކަމަށާއި، އެ ފައިސާ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވެއެެވެ.