އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ޓީޓީގެ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އައްޔަން ކޮށްފިއެވެ.

ޝިއުރީ ގެންދަވަނީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުންނެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައި ވަނީ ފާތިމަތު ތައުފީގުއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އޭނާ އެ މަގާމަށް އައްޔަން ކުރި ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އެއާއެކު އެ ކުންފުނި ހިންގުން ވަގުތީ ގޮތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާ ހަވާލުކޮށްފައިވެއެވެ.

ފާތިމަތު ތައުފީގު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު، އެ މަގާމުން އިސްތިއުފާދެއްވާފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގައެވެ. އޭނާ އަކީ އެ ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ފުރަތަމަ ފަރާތް ވެސް މެއެވެ.