އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ބޭރުގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް އުރީދޫ މައި އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ އެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ.

މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ ފުޓްޕްރިންޓް ބޭނުންކޮށްގެން 'ވިޒިޓް މޯލްޑިވްސް' ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕާޓްނާޝިޕްމެދުވެރިކޮށް، އޭޝިއާ، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިންގ މަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިޝްތިހާރު ކުރުމުގައި އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

"އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާއި އެކު، އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް މި ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން،"
އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ

މީގެއިތުރުން، އުރީދޫއާ އެކު ސޮއިކުރެވުނު ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ މުހިންމު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ނަން އިސްތިހާރުކުރުމަށް އާ މަގުތަކެއް ހުޅުވިގެން ދާނެ ކަމަށާއި ބައިނަލްއަގްވާމީ ގިނަ މާކެޓުތަކުގައި އުރީދޫގެ ވަރުގަދަ ނެޓްވާކު ހުރުމަކީ ބްރޭންޑް ވިޒިބިލިޓީ ހަރުދަނާކޮށް ރާއްޖެއަށް ގިނަ ޓޫރިސްޓުން ގެނައުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ޝިއުރީ ވަނީ ވިދާޅުވެފައެވެ.

އުރީދޫ އާއި އެމްއެމްޕީއާރްސީ ގުޅިގެން ރާއްޖެ އިސްތިހާރުކުރަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން ސްޓްރެޓެޖިކް ކޯލަބްރޭޝަންގެ ޒަރިއްޔާއިން ގައުމީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ މުހިންމު ދާއިރާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ވެސް ދައްކުވައިދެއެވެ.

މިއީ ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހަރުދަނާ ކުރަމުން އަންނައިރު، އުރީދޫ އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖެއަށް ގިނަ ބަޔަކު ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.