ޓެލަގްރާމްގައި "ޖަޒީރާ އެޑްމިން" ގެ ދަށުން ހަދާފައިވާ "ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އަދި "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ކުށްތައް ޕްރޮމޯޓުރާ ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި ޗެނަލް ތަކުން ކުށްތަކަށް މީހުން އަރައިގަތުމަށް މަގުފަހިކޮށް އަދި ރާއްޖޭގައި އާއްމުކޮށް ވިއްކުން މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރަމުންގެންދާ މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެެވެ.

ދައުވާ އުފުލާފައިވާ ތިން މީހުން:

  • ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދު
  • ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ
  • ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމް

މީގެތެރެއިން އިބްރާހީމް ރަޝީދުގެ މައްޗަށް އުފުލާފައިވަނީ ހަޑި ހުތުރު އެއްޗެއް ރައްދުކުރުމާއި، މަނީ ލޯންޑަރިންގެ އިތުރުން ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުމުގެ އިތުރުން އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ އެ އާމްދަނީގެ ބޭނުންކުރި ކަމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކުގެ އިތުރުން ނިޝާނީ އަލީ އަދި އައިސަރު ނަސީމްގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުމުން ފާޅުކުރި ކަމުގެ ކުށުގެ ދައުވާވެސް ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ ދަޢުވާތަކާ ގުޅިގެން މި ތިންމީހުން ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ނުވަ މިލިއަން ރުފިޔާ (9,495,685.55 ރ) ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުންކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި ހަށިވިއްކުމާއި ގުޅުންހުރި މެސެޖްތައް ކޮށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، މިތަކެތި ފޮނުވައި ރައްދުކޮށްފައިވާތީ ކަމަށެވެ.

މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް އިސްތިހާރުކުރި 5 ޓެލެގްރާމް ޗެނަލެއް ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް ސީޒްކޮށްފައެވެ. ފުލުހުން ސީޒްކޮށްފައި ވަނީ "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ހަބަރު" މި ޓެލެގްރާމް ޗެނަލްތަކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން ހިންގަމުން ދިޔަ އެ ޓެލެގްރާމް ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ޗެނަލްތައް ހިންގިކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ ކުރީކޮޅު ފުލުހުން ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އޭގެ ތެރެއިން އެކަކަކީ ކުށުގެ ރެކޯޑު ގިނަ މީހެކެވެ.

މި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ "ޖަޒީރާ"ގެ ނަމުގައި ހިންގި ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ވެސް 7،000 އެއްހާ މީހުން އެ ޗެނަލްތައް ފޮލޯކުރަމުން ދިޔަ ކަމަށެވެ.