ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީން ފަންޑަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މި ފައިސާ ހަވާލުކޮށްދެއްވާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި މިއަދު ކުރިއަށްގެންދާ ހާއްސަ ޓެލެތޯންގައި ދިފާއީ ވަޒީރު ޣައްސާން މައުމޫނާއި ސިފައިންގެ އިސް ބޭފުޅުންނެވެ.

މި ފަންޑަށް ސިފައިންގެ ފަރާތުން ޖުމްލަ 2،169،826،32 ރުފިޔާ ވަނީ ހަދިޔާ ކޮށްފައެވެ.

ފައިސާ ހަވާލު ކުރެއްވުމަށްފަހު ޓެލެތޯންގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރައްވާ އިސްލާމީ ލީޑަރަކީ ރައީސް ޑރ. މުއިއްޒު ކަަމަށާއި އެމަނިކުފާނު ލިބިވަޑައިގަންނަވާ ކޮންމެ ފޯރަމެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނާއި މެދު ދިވެހި ރައްޔިތުން ފަހުރުވެރިވާ ކަަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

މިރޭ 12ގެ ނިޔަލަށް ކުރިއަށްދާ މި ޓެލެތޯންގެ ފަންޑު ފޮށިތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ވަނީ ބަހައްޓާފައެވެ. އެގޮތުން ޕީއެސްއެމް ލޮޖިސްޓިކްސް އޮފީސް ކައިރި، ޕީއެސްއެމް ސްޓޫޑިއޯ 3، އެމްޓީސީސީ ވިލިމަލެ ޓިކެޓް ކައުންޓަރު، އެޗްޑީސީ ހުޅުމާލެ ފޭސް 2 ބަަސް ސްޓޮޕް، ހުޅުމާލެ ހޮސްޕިޓަލް، ވެލާނާަ އެއާޕޯޓް ޑޮމެސްޓިކް ޓާމިނަަލް، އެމްޕީއެލް، އެމްޑަބްލިވްއެސްސީ، ދަރުމަވަންތަ ހޮސްޕިޓަލް، ވެލާނާގެ، އެސްޓީއޯ ޕީޕަލް ޗޮއިސް، އެސްޓީއޯ ހެޑް އޮފީސް، ސްޓެލްކޯ ހިމެނެއެވެ.

އަދި ހަމައެހެންމެ މި ހަރަކާތުގައި ބައިވެރިވުމަށް، ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު މިކަމަށް ހާއްސަ ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ.

  • ދިވެހި ރުފިޔާ - 7730000655865 - ނަން: ފަލަސްތީނާ އެކު ދިވެހީން
  • ޑޮލަރު - 7730000655866 - ނަން: ފަލަސްތީނާ އެކު ދިވެހީން

ދިވެހިން ވަނީ މީގެ ކުރިންވެސް ފަލަސްތީނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިހާރު ފަލަސްތީނުގައި ހިންގަމުންދާ ލާ އިންސާނީ ހަމަލާތައް ހުއްޓާލުމަށް ރާއްޖޭގެ ސަރުކާރުންވެސް ދަނީ އެކި ގޮތްގޮތައް މަސައްކަތް ކުރަމުންނެވެ.