އެކި ފަހަރު މަތިން މަންމައަށް އަނިޔާކުރިކަމަށް އިއުތިރާފުވި މީހަކު އަށް މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
މަންމައަށް އެކިކަހަލަ އަނިޔާކުރާތީ އިބްރާހީމް އިކްރާމް، ހ. ގާޑަންބިއުޓީ ގެ މައްޗަށް ފެމިލީ ކޯޓުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރުނީ މީގެ ދެ އަހަރު ކުރިން، ޖޫން 2، 2022 ގައެވެ. ފެމިލީ ކޯޓުން އޭރު ވަނީ ހަ ކަމަކަށް އިކްރާމަށް އަމުރުކޮށްފައެވެ. އެއީ:
- ނަފްސާނީ އަދި ޖިސްމާނީ އަނިޔާއެއް ނުދިނުމަށް
- މާލީގޮތުން ދަތިނުކުރުމަށް
- ބިރު ނުދެެއްކުމަށާއި ގޯނާ ނުކުރުމަށް
- މުދަލާއި ތަކެއްޗަށް ގެއްލުން ނުދިނުމަށް
- އެހެން މީހަކު މެދުވެރިކޮށް ނުވަތަ އިންޓަނެޓުން އެފަދަ ކަމެއް ނުކުރުމަށް
- ބިރުނުދެއްކުމަށް
ނަމަވެސް، ފެމިލީ ކޯޓުގެ އަމުރާ ތަކުރާރުކޮށް ހިލާފުވެ، އެކިފަހަރު މަތިން އިކްރާމް އޭނާގެ މަންމައަށް އަނިޔާކުރިކަމަށް ދައުލަތުން ބުނެފައިވާ ކަމަށް، ކްރިމިނަލް ކޯޓުގެ ހުކުމް ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން، އިކްރާމް ވަނީ:
- ފެބްރުއަރީ 24، 2023 ގައި އޭނާގެ މަންމައަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ބިރު ދައްކައި، ދެ އަތުން ޖަހައި އަނިޔާކޮށްފައި
- ފެބްރުއަރީ 25، 2023 ގައި އޭނާގެ މަންމަގެ ވައަތު ކުޑަހުޅާއި އުޅަނބޮށްޓާ ދޭތެރޭ އަތުން ޖަހައި، މަންމަ އާ ދިމާލަށް ލައިޓަރެއް އެއްލާލާފައި
- މޭ 13، 2023 ގައި ދެ އަތުން މަންމަގެ ބޮލުގައި ޖަހާފައި އަނިޔާކޮށްފައި
- ޖޫން 19، 2023 ގައި މަންމަގެ އަތުގައި ފައިން ޖަހައި އަނިޔާކޮށްފައި
- ޖޫން 23، 2023 ގައި މަންމައާ ދިމާލަށް ޕްލާސްޓިކް ފުޅިއެއް އެއްލާލާފައި
- ޖުލައި 4، 2023 ގައި ގާތްގަނޑަކަށް ދެ ފޫޓުގެ އެސްލޯން ހޮޅި ބުރިއަކުން މަންމަގެ ވައަތުގައި ޖަހާފައި
ދައުލަތުން އިކްރާމްގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފުވުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާ އަށް ވެސް އިކްރާމް އިއުތިރާފްވެފައިވުމުން، މައްސަލަ ބެއްލެވި ގާޒީ އައިމިނަތު އަޒްލިފާ ނިންމެވީ އަވަސްނިޔާއިން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
ހުކުމް ރިޕޯޓުގައިވާ ގޮތުން، އިކްރާމް އިއުތިރާފް ދަމަހައްޓާފައިވާތީ، ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ދެ ދައުވާ ވެސް ސާބިތުވާ ކަމަށެވެ. އެހެންކަމުން، ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފުވުމުން ހަ މަހަށް ޖަލަށް ލުމަށާއި، މަންމައަށް އަނިޔާކުރުމުން ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.