ޖަސްޓިސް ބިލްޑިންގް އެނެކްސްގައި ގާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި ވީ ހިނދު، ހުޅުމާލޭގައި ތަރައްޤީކުރި ޖަސްޓިސް ބިލްޑިންގް އެނެކްސްއަކީ ހުޅުމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ.

މި 2 ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށުމުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެއެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ހާއްސަ 5 ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑީޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރުއުގެ ދަށުން ތަރައްގީކުރި އާ އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެއެވެ.

ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާ، މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިކަމުގެ ސަބަބުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ފެބުރުއަރީ 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ދިވެހި ގައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް މިރަސްމިއްޔާތުގައި އޮތެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.