ރައްޔިތުންގެ މަޖިލީހުގެ، ޕީއެންސީ މެންބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފިއެެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ޓެލެތޯނު ޝޯ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ދެކަނބަލުންނާ، ނައިބު ރައީސްގެ ދެ ކަނބަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ، ކުންފުނިތަކުގެ ވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް / ފޮޓޯ: ރައްޔިތުން މަޖިލީސް

އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ މަޖިލީސް މެންބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް ވަނީ ހަދިޔާކުރެއްވި ދެލައްކަ ރުފިޔާ އާއި ޕީއެސްއެމްގެ ފަރާތުން ހަވާލުވެލެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ.

މި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ބާރަށް ވިންދު ޖަހާ އެންމެ ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ފަލަަސްތީނުގެ މައްސަލަ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސް އިސްނަންގަވައިގެން ފެއްޓެވި ޓެލެތޯންގައި ރައްޔިތުން ތަމްސީލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން، ފަލަސްތީނުގެ މައްސަލައަށް އެންމެ ބޮޑު ސަމާލުކަމަށް ދެއްވާ މަސައްކަތްކުރައްވާ ވެރިއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަަމަށެެވެ. ފަލަސްތީނަށް އެހީވުމަށްޓަކައި ރައީސް މިފަދަކަމެއް ފައްޓަވާދެއްވީތީ، މަޖިލިސް މެމްބަރުންގެ މަގްސަދަކަށްވީ އެކަމަށް އެންމެ ފުރަތަމަ އިޖާބަދޭ ބަޔަކަށްވުންކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް އަބްދުއްރަހީމް ވަނީ ވަކި ފިކުރަކަށް ބެލުމެއްނެތި މިކަމުގައި ރައްޔިތުން ބައިވެރިވެ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނާއި މެދު އޮތް ލޯތްބާއި ކަންބޮޑުވުން ހާމަކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.

'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނު ކުރިއަށް ދާނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.