ތައިލޭންޑުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްގެ ބާވަތެއް ހުރުމުން އެ އެތެރެ ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދެފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓެއްގައި ބުނެފައި ވަނީ ތައިލެންޑުގައި ބޭސް އުފައްދަމުން އަންނަ ކުންފުންޏެއް ކަމަށްވާ 'ސެވަން ސްޓާސް ފާމަކިއުޓިކަލް' އިން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ ސޯބިޓަލް (އެކްސްޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މައްސަލަ ދިމާވި ބޭސްތައް ރެގިއުލޭޓް ކުރާ ތައިލެންޑުގެ އޮތޯރިޓީ ކަމަށްވާ 'ތައި އެފްޑީއޭ' އިން އެ ބޭސްތައް ރިކޯލް ކޮށް އެކަން ވަނީ އެ އެމްއެފްޑީއޭއާއި ހިއްސާ ކޮށްފައި ކަމަށް އެލާޓުގައި ވެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިއްސާ ކުރި ލިސްޓުގައި ޖުމްލަ 15 ބޭހެއް އެކުލެވޭއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ދޭ ބޭސްތައް ވެސް ހިމެނެއެވެ.

ތައިލެންޑުގެ ސެވަން ސްޓާސް ފާމަކިޓަލް ކުންފުނިން އުފައްދާ ކެމިކަލްގެ ބާވަތްތައް ހުރި ބޭސް ލިސްޓު / އެމްއެފްޑީއޭ

ސެވަން ސްޓާސް ފާމަކިއުޓިކަލް ކުންފުނީގެ އެ ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ލިސްޓުގައި ހިމެނޭ ބޭސްތަކެއް ނޫންކަން ފާހަގަކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ތައިލެންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއް ކަމަށާއި އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލޭންޑުން ބޭސް އެތެރެކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އެދެފައެވެ.

އަދި ހަމައެހެންމެ ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓް ތަކުގައި ބަލާ ފާސް ކުރަމުންދާނެ ކަމަށްވެސް އެ އެލާޓުގައި ވެއެވެ. އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ އެ އޮތޯރިޓީަގެ ހޮޓްލައިން ނަންބަރު 7200321 ގުޅާ މައުލޫމާތު ސާފު ކުރުމަށް އެދިފައި ވެއެވެ.