ކަނޑު އުޅަނދުފަހަރަށް ހިދުމަތް ދިނުމުގެ ގޮތުންް، ފިއުލް ސަޕްލައިސް އިން ހިންމަފުށީގައި ފިއުލް ސްޓޭޝަނެއްގެ ހިދުމަތް ފަށައިފިއެވެ.
ހިންމަފުށީގައި ހުންނަ ބިގް ފިޝް މޯލްޑިވްސްގެ ކޮމްޕްލެކްސްގެ ތެރޭގައި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ހެދި ޓާމިނަލް ހުޅުވާދެއްވީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް ވިދާޅުވީ ހުޅުވިގެން ދިޔަ ފިއުލް ސްޓޭޝަނަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މާލެއާ އެއް އަގެއްގައި ތެޔޮ ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ތެރެއިން ކުރެވިގެން ދިޔަ މަސައްކަތެއް ކަމަށެވެ.
އެ ސްޓޭޝަނުގެ މަސައްކަތް ފަށައިގަނެވިގެން ދިއުމުން ހިންމަފުއްޓަށް މަސްކިރަން އަންނަ އޮޑިފަހަރުތަކަށް ފަސޭހައިން ތެޔޮ ލިބިގެން ދާނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ހިންމަފުށީގައި، އެއްގަމު އުޅަނދުތަކަށް ތެލުގެ ހިދުމަތް ދިނުމަށް، އިތުރު ސްޓޭޝަނެއް ތަރައްގީ ކުރުމަށް މަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށެވެ.
ސުހައިލް އިތުރަށް ވިދާޅުވީ މިފަދަ ސްޓޭޝަން ތަކެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ވިދާޅުވީ އެ ސްޓޭޝަނުން އެންމެ ބޮޑު ފައިދާއެއްް ލިބިގެން ދާނީ ރާއްޖޭގެ މަސްވެރިންނަށް ކަމަށެވެ. އަދި މަސްވެރިންނާ ގުޅިގެން އެފަރާތްތަކަށް ފަސޭހައިން ތެލުގެ ހިދުމަތް ފޯރިކޮށްދެވޭނޭ ގޮތްތަކާމެދު އެފަރާތްތަކާ އެކު މަޝްވަރާކޮށް ކަންކަން ރޭވުމަށް އަނާރަ އިލްތިމާސް ކުރެއްވިއެވެ.
މަސްވެރިކަމަކީ ދިވެހިރާއްޖޭގެ ލޭނާރު ކަމަށާއި، އެ ސިނާއަތް ކުރިއެރުވައި ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިންމު ސިނާއަތަށް މަސްވެރިކަން ވުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށް އަނާރާ ވިދާޅުވިއެވެ. އަދި، ހުރާގައި ހުޅުވިގެން ދިޔަ ސްޓޭޝަން އަކީ އެރަށަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި، ރަށުގެ ރައްޔިތުންނަށް ހުޅިވިގެންދިޔަ ވަޒިފާގެ ފުރުސަތުތަކެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ހުޅުވިގެންދިޔަ ތެޔޮ ސްޓޭޝަނުން މަސްވެރިންނަށް ފަހިހަކަތަ ޕްރޮގްރާމްގެ ދަށުން ސަބްސިޑައިޒްޑް ރޭޓުގައި ތެޔޮ ލިބިގެންދާނެ ކަމަށް އެފްއެސްއެމް އިން ބުނެއެވެ.
މަލޭއާއި އެއްއަގެއްގައި މަސްވެރިންނަށް ހާއްސަ ރޭޓުގައި ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިނުވާ މަސްވެރިކަމަށް ރަޖިސްޓާ ކޮށްފައިވާ އުޅަނދު ފަހަރުތަކަށް ތެޔޮ ލިބޭނެ ކަމަށާއި ޑީސަލް އަޅަން އަންނަ އެހެނިހެން އުޅަނދުފަހަރަށް ވެސް މިތަނުން މާލެ ޖެޓީގައި ތެޔޮ ވިއްކާ ރޭޓުން ތެޔޮ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.