އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ރާއްޖެއިން ބޭރުގައި ތިބި ބޭރުގެ މުހިންމު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުމުގައި ހާރިޖީ އާ އުސޫލެއްގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމުން ދިފާއީ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގައި މޭރީ އަދި މާވިންއާ އެކު މަސައްކަތްކުރި ދެ ނަރުހުންނެވެ. އެ ދެ ނަރުހުން ވެސްވަނީ މޭރީ މަރުވިކަމުގެ މައުލޫމާތު ލިބިގެން ހޮސްޕިޓަލަށް ދިޔައިރު، މޭރީގެ ހަށިގަނޑު ފެނުނު ކަމަށާއި އޭރު އޭނާގެ މޫނު އޮތީ ނޫފައިގެންފައި ކަމަށް ބުނެފައެވެ. އިތުރަށް އެ ދެ ނަރުހުން ބުނީ އޭރު އެތަނުން މާވިން ވެސް ފެނުނުކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ބުނީ މާވިން އޭރު ލައިގެން ހުރި ޓީޝާޓު ތެމިފައިވާ ކަމަށެވެ.
އެ މައްސަލާގައި 15 ހެއްކެއްގެ ހެކިބަސް އަދިވެސް ނުނެގި އޮތްއިރު، އޭގެ ތެރޭގައި އެ މައްސަލާގައި މުހިންމު ރިޕޯޓްތަކެއް ތައްޔާރުކުރި ޑޮކްޓަރުން ވެސް ހިމެނެއެވެ. މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ޑޮކްޓަރުންގެ ހެކިބަސް ނުނެގި އޮތީ އެ މީހުންނަކީ އިންޑިއާގައި ތިބި އެ ގައުމުގެ ރައްޔިތުންކަމަށް ވުމުން މިހާރު އަމަލުކުރާ އުސޫލުތަކުގެ ދަށުން އެމީހުންގެ ހެކިބަސްނެގުމުގެ ކުރިން އިންޑިއާ ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭތީ ކަމަށެވެ.
ދައުލަތުން އިތުރަށް ބުނެފައިވަނި ކުރިން ރާއްޖެއިން ބޭރުގައި ތިބޭ ހެކިވެރިންގެ ހެކިބަސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރާއްޖޭގެ އެމްބަސީއަކަށް ހާޒިރުކޮށްގެން ނެގުނަސް، މިހާރު އޮންނަ އުސޫލުގެ ދަށުން އެމްބަސީ އަށް ހާޒިރު ކުރުމުގެ ކުރިން އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ ހޯދަންޖެހެއެވެ.
ދައުލަތުން ހަމަޖައްސަން ޖެހޭ އިންތިޒާމެއް ހަމަނުޖެއްސޭތީ މައްސަލަ ލަސްވެ، ލަމްހާ އެތައް ދުވަހެއް ވަންދެން ބަންދުގައި ހޭދަކުރަން ޖެހިފައިވާކަން ފާހަގަކޮށް ލަމްހާގެ ވަކީލުން ވަނީ ޑޮކްޓަރުން ރާއްޖޭގެ އެމްބަސީ އަށް ހާޒިރު ކުރުމުގައި ދަތިވާ ނަމަ އެ މީހުންގެ ހެކިބަސް ނެގުމަށްޓަކައި އެ މީހުން ރާއްޖެ ގެނައުމަކީ ދައުލަތަށް ކުރެވި ދާނެކަމެއް ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ބާކީ ތިބި ހެކިންގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނުނަގަން ދައުލަތުން ނިންމާފައިވާއިރު، އެއީ ޑީއެންއޭ ރިޕޯޓް ހެދި ފުލުސް މީހާ އާއި މޭރީގެ ސީޓީ ސްކޭން ހެދި މީހާ އާއި މޭރީގެ ލޭގެ ތަހުލީލު ރިޕޯޓް ހެދި މީހާގެ އިތުރުން މާވިންގެ މަންމައެވެ. ދައުލަތުން ބުނީ އެ މީހުންގެ ހެކިބަސް ނުނަގަން ނިންމީ ބައެއް މީހުންގެ ފަރާތުން އެ މައްސަލާގައި އެއްވެސް ކަމެއް ސާބިތުނުކުރެވޭނެތީ އާއި އަދި އޭގެ ތެރެއިން ބައެއް މީހުން ރާއްޖޭގައި ނެތުމުން ކަމަށެވެ.