ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިންގެ ސްކީމްގެ ފުރަތަމަ ބުރުގައި އިއުލާން ކުރި 4000 ފްލެޓް މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގުގެ ތެރެއިން ބައެއް ފަރާތްތަކުގެ ގެތައް ބަލައި ފާސްކޮށްފިއެވެ.
4000 ފްލެޓް މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީގެ އޮފިޝަލަކު މީގެ ކުރިން ބުނެފައި ވަނީ، މި މައްސަލައިގައި އެ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ. ފްލެޓް މައްސަލައިގައި އެންމެ ފުރަތަމަ ހިންގި ތަހުގީގަށް ފަހު ރިޕޯޓް ތައްޔާރުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީ އަށް ހަވާލު ކުރުމަށްފަހު، މިހާރު ފްލެޓް މައްސަލައާ ގުޅިގެން ކުރަމުންދާ ޖިނާއީ ތަހުގީގުގެ އިތުރު މައުލޫމާތެއް އޭރު ހިއްސާ ކޮށްފައެއް ނުވެއެވެ.
ނަމަވެސް މިއަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، އެ މައްސަލައިގައި ތަހުމަތު ކުރެވޭ ބައެއް މީހުންގެ ގެތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ގެތައް ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށޫން ގޮސްގެން ކަމަށް ވެސް އޭސީސީން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
އޭސީސީން މި މައްސަލައިގެ އިތުރު ތަފްސީލެއް ދީފައި ނުވި ނަމަވެސް، އޭސީސީން ކުރިން ބެލި ފްލެޓް ލިސްޓުގެ މައްސަލައިގެ ތަހުގީގަށް ފަހު ވަނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވެ އެއްވެސް މައްސަލައެއް ދިމާނުވާ ފޯމްތަކުގެ ލިސްޓެއް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
މި މައުލޫމާތު އޭސީސީން އާންމު ކުރުމާ އެކު އެކްސްގައި ވަނީ "ހަސަން ކުރުސީ" ނަމުގައި ހިންގާ އެކައުންޓަކުން ފްލެޓު ނުލިބޭ މީހުންގެ ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އާންމު ކޮށްފައެވެ. މިއާ އެކު އޭސީސީން ވަނީ އެއީ ފޭކް ލިސްޓެއް ކަމަށް ބުނެ އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އަަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.