ސީޕްލޭންގެ ވިޔަފާރި ޒަމާނީކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިފަދައިން ނިންމެވީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ.

އިއްޔެގެ މި ބައްދަލުވުމުގައި ރައީސް ނިންމެވީ އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، އެމްއޭސީއެލާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ކަންކަން ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭ ނިންމުމަށާއި، އެ ކުންފުނި އުފެއްދުމަށްޓަކައި ނިންމަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ.

މީގެ އިތުރުން އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމްކުރުމަށްޓަކައި ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯންތަކެއް ކަނޑައެޅުމަށް ނިންމައިފައެވެ. އެގޮތުން ކަނޑައެޅި ޒޯންތަކަކީ:

  • ބޮޑުތިލަދުންމަތި (ހދ. އަތޮޅާއި ށ. އަތޮޅު)
  • މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު)
  • މުލަކަ އަތޮޅު (މ. އަތޮޅު)
  • ކޮޅުމަޑުލު (ތ. އަތޮޅު)

މީގެ އިތުރުން ކ. އަތޮޅުގެ ދެކުނުން ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ ވިޔަފާރި އުސޫލުން ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަކުރެވޭ މޫދު ކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗާ ކުރުމަށް ކަނޑައަޅާ ޒޯންތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން ހިމެނޭކަމަށް ރައީސް އޮފީހުން ބުންޏެވެ.