އަންނަ ހޮނިހިރު ދުވަހު ޖާމަނީގައި ފަށާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތަށް ޓީމުތަކުން ތައްޔާރުވަމުން އަންނަ އިރު 24 ގައުމެއް މި މުބާރާތުގައި ވާދަކުރާނެއެވެ. މި 24 ޓީމު ހަ ގްރޫޕަކަށް ބަހާލާފައިވާ އިރު ކޮންމެ ގްރޫޕެއްގައި 4 ޓީމެއް ހިމެނެއެވެ. މިއަދު މިބަލާލަނީ މި މުބާރާތުގެ ފުރަތަމަ ގްރޫޕް، ގްރޫޕް އޭއަަށެވެ.

ޔޫރޯ 2024 ގެ ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ޖާމަނީގެ އިތުރުން ސްކޮޓްލޭންޑް، ސުވިޓްޒަލޭންޑް އަދި ހަންގަރީއެވެ.

ޖާމަނީ

ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގު ވާ ޖާމަނީއަށް މި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ވެގެން ގޮސްފައިވަނީ އުނދަގޫ އަހަރުތަކަކަށެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރަތް ކާމިޔާބުކުރި ޖާމަނީއަށް އޭނގެ ފަހުން އައި މުހިންމު މުބާރަތްތަކުގައި މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު ފުޓްބޯޅައަށް ލޯބި ކުރާ ޖާމަނީގެ ރައްޔިތުން ގައުމީ ޓީމަށް ސަޕޯޓުކުރުން ހުއްޓާލާ ހިސާބަށް މިހާރު މިވަނީ ގޮސްފައެވެ. އަދި މިއަހަރުގެ މުބާރަތް ޖާމަނީގައި އޮންނަ އިރު ގައުމީ ޓީމު މިވަނީ އިތުރު ޕްރެޝަރުގެ ތެރެއަށް ވެއްޓިފައެވެ.

ޔޫރޯ 2024 ގެ ފަހުން ކްރޫޒް ފުޓްބޯޅައަށް އަލްވަދާއު ކިޔާނެ/ފޮޓޯ: އެކްސް

އެހެން ނަމަވެސް 36 އަހަރުގެ ކޯޗު ޖޫލިއަން ނައިގެލްސްމަންއާއެކު ޖާމަނީ ޔޫރޯ 2024 އަށް ދަނީ ޒުވާން އަދި އުއްމީދީ ޓީމަކާއެކު އެވެ. އާސަނަލް ކައި ހަވޭޓްސްގެ އިތުރުން ބަޔާން ޖަމާލް މުސިއާލާ އަދި ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވްރިޓްޒްއަކީ މި ސީޒަންގައި ވިދާލި ތަރިންނެވެ. ޖާމަނީގެ މެދު ތެރެ ބަލަހައްޓާނީ ރިއާލް ޓޯނީ ކްރޫޒެވެ. މި މުބާރާތަށް ފަހު ފުޓްބޯޅަ ކުޅުމާ ދުރަށްދާނެ ކަަން ކްރޫޒް އިއުލާނުކޮށްފައިވާ އިރު އަމިއްލަ ގައުމުގައި ދަނޑުގައި އޮންނަ މުބާރާތް ކާމިޔާބުކުރަން ޖާމަނީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

ސްކޮޓްލޭންޑް

މިއީ ސްކޮޓްލޭންޑްގެ ތާރީހުގައި ވެސް އެގައުމުން ޖެހިޖެހިގެން ދެ ޔޫރޯގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރަތުގައި ސްކޮޓްލޭންޑަށް މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު އެމުބާރަތުން އެޓީމު ކެޓީ ފުރަތަމަ ބުރުން ގްރޫޕްގެ ފުލުގައި އޮވެގެންނެވެ. އެހެން ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެންމެ ކުޑަމިނުން ދެވަނަ ބުރަށް ދިއުމަށް ސްކޮޓްލޭންޑުން މަސައްކަތް ކުރާނެއެވެ.

ސްކޮޓްލޭންޑްގެ ޖޭމްސް މެގިން އަދި މެކްޓޮމްނީ/ފޮޓޯ: ސްކައި ސްޕޯޓްސް

ސްކޮޓްލޭންޑް ޓީމުގައި ވެސް ޕްރިމިއާ ލީގުގައި ފާހަގަކޮށް ލެވޭ ކުޅުމެއް ދައްކާ ތަރިން މަދެއް ނޫނެވެ. މީގެ ތެރޭގައި ކެޕްޓަން އަދި ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން ހިމެނޭ އިރު މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމެނީއަކީ ވެސް ގައުމީ ޓީމަށް އާދިޔާ ހިލާފު މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ.

ސުވިޓްޒަލޭންޑް

ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތަކުން އާއްމު ގޮތެއްގައި ވެސް ފެންނަ ސުވިޓްޒަލޭންޑަށް އެއްވެސް މުބާރާތެއްގައި ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދެވިފައެއް ނުވެއެވެ. އަދި ޔޫރޯ 2024 ގެ ކުއަލިފިކޭޝަން މެޗުތައް ދިޔަ ގޮތުން މި މުބާރާތުގައި ވެސް އެޓީމުން މާ ދުރަށް ދާނެ ކަމަށް ސުވިޓްޒަލޭންޑްގެ ސަޕޯޓަރުން އުއްމީދެއް ނުކުރެއެވެ.

ސުވިޓްޒަލޭންޑްގެ ގައުމީ ޓީމު/ފޮޓޯ: ނިއު ޔޯކް ޓައިމްސް

އެގައުމުގެ ކުރީގެ ތަޖުރިބާކާރު ޑިފެންޑަރު މުރާތް ޔާކިންގެ ބެލުމުގެ ދަށުގައި މިހާރު ކުޅެމުން އަންނަ ސުވިޓްޒަލޭންޑްގެ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެހެން ނަމަވެސް ބަޔާ ލެވަކޫސަންގެ ގްރަނިޓް ޒަކާ، މެންޗެސްޓާ ސިޓީގެ މެނުއަލް އަކާންޖީ ފަދަ ކުޅުންތެރިންނާއި އެކު ޔޫރޯ 2024 ގެ ދެވަނަ ބުރަށް ދިއުމަށް ސުވިޓްޒަލޭންޑުން ވެސް ގަދަ އަޅާ މަސައްކަތް ކުރާނެއެވެ.

ހަންގެރީ

ޔޫރޯ 2024 ގައި އެންމެ ހައިރާން ކުރުވަނިވި ކުޅުމެއް ދައްކާނެ ޓީމެއް ކަމަށް ގިނަ ޕަންޑިޓުން ބުނާ އެއް ޓީމަކީ ހަންގެރީއެވެ. އެޓީމުން އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ބަލިވެފައި ނުވާ އިރު މި މުބާރާތުގެ ގަދަ 16 އަށް ދިއުމުގެ ފުރުސަތު އެޓީމަށް ވެސް ހަމަ ބޮޑެވެ.

ހަންގެރީގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: ރޮއިޓާސް

ޔޫރޯ 2024 އަށް ކުއަލިފައިވުމަށް ކުޅުނު 8 މެޗުގެ ތެރެއިން ފަސް މެޗު ހަންގެރީން ކާމިޔާބުކުރި އިރު އަނެއް ތިން މެޗުން އެޓީމުވީ އެއްވަރެވެ.

2018 ވަނަ އަހަރުން ފެށިގެން ހަންގެރީގެ ގައުމީ ޓީމުގެ ކޯޗުކަން ކުރަމުން އަންނަ އިޓަލީގެ ކޯޗު މާކޯ ރޮސީއަކީ ހަންގެރީގެ ގިނަ ސަޕޯޓަރުން ލޯބިކުރާ އަދި އިތުބާރު ވެސް ކުރާ ކޯޗެކެވެ. ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ޑޮމިނިކް ސަބޮސްލާއީ އަދި ބޯންމޮތްގެ މައިލޯ ކާކަޒްގެ އިތުރުން ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 12 ލަނޑު ޖަހާފައިވާ ރޯލަންޑް ސައްލާއީ ފަދަ ކުޅުންތެރިންނާއެކު ހަންގެރީއަށް ޔޫރޯ 2024 ގައި ތަފާތު ދެއްކިދާނެ ކަމަށް ޓީމުގެ ސަޕޯޓަރުންނާއި ފުޓްބޯޅަ ޕަންޑިޓުން ދެކެއެވެ.