އިޒްރޭލުން ގާޒާގެ މެދުތެރޭގެ ނުސައިރަތާއި ދެއިރް ބަލަހަށް ދިން ވަރުގަދަ ހަމަލާތަކުގައި 200 އެތައް މީހެއްގެ ފުރާނަ ދުއްވާލުމަށް ފަހު އިޒްރޭލުގެ 4 ރަހީނަކު ސަލާމަތް ކޮށްފިއެވެ.
މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިޒްރޭލުން ސިފަ ކުރަމުން ބުނީ, އެ އޮޕަރޭޝަން ހިންގީ, އިޒްރޭލުގެ ޑިފެންސް ފޯސް އާއި އިންޓެލިޖެންސާއި ޕޮލިހުން ގުޅިގެން ކުރި މަސައްކަތުން ރަހީނުން ހައްޔަރު ކޮށްފައި ތިބި ތަން ރަނގަޅަށް އެނގިގެން ކަމަށެވެ.
ހަމަލާތަކުގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންނައިގެން ގާޒާގައި ހުންނަ އަލް އަގުސާ ހޮސްޕިޓަލާއި އަލް އަދްވާ ހޮސްޕިޓަލް ފުރި ބާރުވެފައި ވާ އިރު އޮފިޝަލުން ބުނީ ފައިޖައްސާލާނެ ތަންކޮޅެއް ވެސް ނެތް ކަމަށާއި ތަޅުން މައްޗާއެކު ތިބި ފުރާނަ ނެތް މީހުންގެ މަސްގަނޑުތަކާއި ޒަހަމްވެ ލެއިން ތަތްތެޅިފައިވާ މީހުން ކަމަށެވެ.
ޖުމްލަ އަދަދު 210 އަށް އަރާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން ބުނާ އިރު އިޒްރޭލުން ބުނީ 100 ވެސް ހަމަނުވާ ކަމަށެވެ.
އިޒްރޭލުން ނުސައިރަތާއި ދެއިރް ބަލާހަށް ދިން ވަރުގަދަ ހަމަލާތައް ދީފައިވަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުންނެވެ. ބޮމާއި މިސައިލުގެ އިތުރުން ޓޭންކުތަކުން ޖަހަމުން ދިޔަ އުންޑަތަކާއެކު މުޅި ތަން ގުނޑުމާލި އިރު ޝަހީދުވެ އަދި ޒަހަމްވެ ވެއްޓެމުން ދިޔަ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އިޒްރޭލުން ބުނީ އެ އޮޕަރޭޝަންގައި ހަމާސްގެ ހަމަލާތަކާ ކުރިމަތިވި ކަމަށާއި އިޒްރޭލު ސިފައިންގެ ސްޕެޝަލް އޮޕަރޭޝަންގެ އެކަކު ޒަހަމްވެ ލިބުނު އަނިޔާކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވާ ކަމަށެވެ.
ސަލާމަތް ކުރި 4 ރަހީނުން އާއިލާތަކާ ބައްދަލު ކޮށްފައި ވާ އިރު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ, "ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން އަނބުރާ ނުގެނެވެނީސް ހުއްޓާނުލާނެ ކަމަށާއި ދިރި ތިއްބާ ނުވަތަ މަރުވެފައި ވާ ހަށިގަނޑުވިޔަސް ގެންނާނެ" ކަމަށެވެ.
ބީބީސީ ބުނާގޮތުން އިޒްރޭލުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި އެމެރިކާއިން ވެސް އިންޓެލިޖެންސް މައުލޫމާތު އިޒްރޭލަށް ވަނީ ފޯރުކޮށްދީފައެވެ.
އިޒްރޭލުގެ މި ނުރައްކާތެރި ހަމަލާ އާ ގުޅިގެން ޕަލަސްތީނު ސަރުކާރުގެ ފަރާތުން މަހުބޫދު އައްބާސް ވަނީ އދ ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ހިންގީ ގަތުލުއާންމެއް ކަމަށެވެ.
އިސްރާއީލުން ތަނެއްދޮރެއް ބެލުމެއްނެތި ހަމަލާދީ މުޅިތަން ސުންނާފަތި ކޮށް ހިތުހުރި ގޮތަކަށް މީހުން މަރަމުންދާއިރު ރަހީނު ކުރި މީހުން ސަލާމަތުން ބޭތިއްބުމަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތެވެ. އެބައިމީހުން ސަލާމަތް ކޮށްފާނެހެން ހީވާ ހިސާބުން އެމީހުންގެ ދުވަސް ދުއްވާލުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެއެވެ.