ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެއެވެ.

މި ދިޔަ މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި 18 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދީފައި ވަނީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ކަރަންޓުގައި ޖެހުނު 12 އަހަރުގެ އަންހެން ކުއްޖާއާއި 8 އަހަރުގެ ފިރިހެން ކުއްޖާގެ އިތުރުން އެ ޒުވާނަކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ދުވަހުގެ މެންދުރުފަހު 1:40 ހާއިރެވެ. އެ ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު އެ ދުވަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ނަމަވެސް ޒުވާނާގެ ހާލު ސީރިއަސްވެ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިގީއެމްއެޗްގައި ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ. ނަމަވެސް އޭނާގެ ހާލު މާ ބޮޑު ކުރިއެރުމެއް އައިސްފައި ނުވާއިރު އެ ޒުވާނާ ނިޔާވެފައި ވަނީ މިއަދު އެވެ. އަދި އެކަން ވަނީ އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ ވިއްސާރަވެގެން ބައްތިއަށް ކަރަންޓް އައިސްފައި ހުރެގެންނެވެ.