ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ފެނަކައިގެ އިހުމާލުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.

އެ އޮތޯރިޓީ އިން ބުނީ މެއި މަހުގެ 23 ވަނަ ދުވަހު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހިގެން ހިނގި ހިތާމަވެރި ހާދިސާގެ މައުލޫމާތު އެ އޮތޯރިޓީ އަށް ލިބިފައިވަނީ ސޯޝަލް މީޑިއާގެ ޒަރީއާއިން ކަމަށާއި، މައުލޫމާތު ލިބުމާއެކު އުނގޫފާރުގެ ކައުންސިލާ އަދި ފެނަކަ ކޯޕަރޭޝަނުން ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް މައްސަލައިގެ ތަހުގީގު ފެށިކަމަށެވެ.

ތަހުގީގުން ހާމަވިގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ އިކުއިޕްމަންޓު ތަކުގެ ތެރޭގައި ހިމެނޭ އާތް ލީކް ސާކެޓް ބްރޭކާ (އީއެލްސީބީ) އަދި މިނިއޭޗާ ސާކެޓް ބްރޭކާ (އެމްސީބީ) ހަރުކުރެވިފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ވާތީ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ. އުނގޫފާރުގެ އިތުރުންވެސް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައިނުވާ ކަން އެ އޮތޯރިޓީ އިން ވަނީ ފާހަގަކޮށްފައެވެ.

މިއާއެކު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ވަނީ ކަރަންޓު ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލު ވެފައިވާތީ 50،000ރ އިން ޖޫރިމަނާކޮށް ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ފެނެކައިން ކަރަންޓު ފޯރުކޮށްދޭ ރަށްތަކުގެ މަގު ބައްތިތަކުގެ ތެރެއިން އީއެލްސީބީ އަދި އެމްސީބީ ހަރުނުކުރާނަމަ ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ ތަކެތި ހަރުކުރުމަށް އެ އޮތޯރިޓީ އިން ވަނީ އަންގާފައެވެ.

މީގެއިތުރުން އެ މުއްދަތުގެ ތެރޭގައި އީއެލްސީބީ އަދި އެމްސީބީ ހަރުކޮށް ނުނިމިއްޖެނަމަ އެކަން ނިމެންދެން މަގު ބައްތިތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް އެ އޮތޯރިޓީ އިން ވަނީ ފެނަކައަށް އަންގާފައެވެ.

މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިފައިވަނީ 12 އަހަރުގެ އަންހެން ކުއްޖާކާއި 8 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުދިން ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި 18 އަހަރުގެ ފިރިހެނަކުވެސް ވަނީ ކަރަންޓުގައި ޖެހިފައެވެ. އެ ދެ ކުޑަ ކުދިންނަށް ފަރުވާ ދިނުމަށްފަހު އެ ދުވަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، ޒުވާނާގެ ހާލު ސީރިއަސްވެ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ވަނީ ފަރުވާދީފައެވެ.

ނަމަވެސް އޭނާގެ ހާލު މާ ބޮޑު ކުރިއެރުމެއް ނައިސް އެ ޒުވާނާ ނިޔާވެފައި ވަނީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.