ރ އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
އެ އަތޮޅުގެ ވެރިކަން ކުރާ ރަށް، އުނގޫފާރުގައި ހުންނަ އަތޮޅު ކައުންސިލު އިދާރާ ގޯތި ތެރެއަށް ބަޔަކު ސިހުރު ހެދި ވީޑިއޯއެއް އާންމުވެ އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ބުދަ ދުވަހު އާންމުވި އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު ކައުންސިލް އިދާރާގެ ގޯތި ތެރެއަށް ފެން އަޅާ މަންޒަރު ފެންނައިރު އިތުރު މީހަކު އެ ސަރަހައްދުގައި މަޑު ކޮށްގެން ހުރެއެވެ. އަދި އެ ވަގުތު ބައެއް މީހުން މަގުމަތިން ހިނގާފައި ދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ކައުންސިލުގެ އިދާރާއަށް ސިހުރާ ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަކީ، ރިވެލި، ރ. އުނގޫފާރު، މުހައްމަދު އަމްޖަދު (61އ) އާއި ނަސީމީ ހިޔާ، ރ. އުނގޫފާރު، މުހައްމަދު ވަހީދު (67އ) އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ސިހުރު ހާހޫރައިގެ މައްސަލަތައް އިތުރުވަމުންދާއިރު މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން އެކި އޮޕަރޭޝަން ހިންގާފައި ވެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީގައި ބޮޑު އޮޕަރޭޝަނެއް ހިންގާ 10 ގެ ބަލާ ފާސްކުރިއިރު އޭގެ ތެރެއިން 8 ގެ އަކުން ވަނީ ސިހުރު ހަދާ އާލާތްތައް ހޯދާފައެވެ.
އަދި މިދިޔަ އޮގަސްޓު މަހު ށ. ކަނޑިތީމުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އިރު މި އަހަރުގެ ޖޫން މަހު ރ. މީދޫ އަދި އަލިފުށީގައި ވެސް ވަނީ އެފަދަ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިދިޔަ ހަފްތާ ތ. ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށްބުނާ މައްސަލައެއްގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.