ޔޫކްރައިން އަށް އެމެރިކާއިން ފޯރުކޮށްދީފައި ވާ ހަތިޔާރު, ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރަން ހުއްދަ ދިނުމާއެކު ދިން ފުރަތަމަ ހަމަލާ, ކްރިމިއާ އާއި ކާޗް ގުޅޭ ކަނޑުއޮޅިއަށް އަމާޒު ކޮށްފިއެވެ.
މިއީ އެމެރިކާގެ ހަތިޔާރު ބޭނުން ކުރަން ހުއްދަ ދިން ގޮތާ ހިލާފަށް ކުރި ކަމެކެވެ.
ހުޅަނގުގެ ފްރާންސާއި ޖަރުމަނުން, އެގައުމު ހަތިޔާރު ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރަން ހުއްދަ ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ހަތިޔާރު ބޭނުން ކުރަން އެގައުމުން ހުއްދަ ދިނެވެ. ނަމަވެސް އެ ހުއްދައިގެ ދަށުން ޔޫކްރައިން އަށް އެމެރިކާގެ ހަތިޔާރު ބޭނުން ކުރެވޭނީ ކާކީވް ސަރަހައްދުން ރަޝިއާ އިން ދޭ ހަމަލާތަކުގެ ރައްދުގައި ހަމަ އެސަރަހައްދަށް ކަމަށް އޮތީ ކަނޑައަޅާފައެވެ. އަދި އެ ގޮތަށް ހަމަލާ ދެވޭނީވެސް ރަޝިއާ އިން ހަމަލާ ދީފި ނަމަ އެ ހަމަލާއެއް އައި އަމާޒަށް ހަމަލާ ދިނުމަށް ކަމަށާއި އިސްވެ ރަޝިއާ އަށް ހަމަލާދ ނުދެވޭނެ ކަމަށް އެމެރިކާއިން އަންގާފައި އޮތް ކަމަށް މުރާސިލުން ބުނެއެވެ.
ނަމަވެސް ހުކުރު ދުވަހު ހަމަލާދިން ކާޗް ފެރީ ކްރޮސިން [ކާޗް ގައި ފެރީ ދުއްވާ ސަރަހައްދު[ އަކީ ރަޝިއާގެ ކްރަޝްނަދޯރު ކްރައި އާއި ރަޝިއާއިން ހިފާފައި އޮންނަ ކްރިމިއާ ސަރަހައްދު ވަކިވާ ހިސާބުގައި އޮންނަ ތަނެކެވެ. އެއީ ކާކީވް އާ ކައިރި ހިސާބެއްވެސް ނޫނެވެ.
ޔޫކްރައިން އިން ބުނީ އެމީހުން އެމެރިކާގެ 2 މިސައިލެއް ބޭނުން ކޮށްގެން 2 ފެރީއަކަށް ހަމަލާދީ ހަލާކު ކޮށްލި ކަމަށާއި އޭގައި އުފުލަމުން ދިޔައީ ރެއިލް ވޭ ހަދާ އެއްޗެއްސާއި ކާރު ކަމަށެވެ.
ޔޫކްރައިން އިން މިހަމަލާ ދީފައިވަނީ އެމެރިކާއިން ދިން 300 ކިލޯމީޓަރުގެ ރާސްތާ ލިބިފައިވާ އެޓަކަމްސް މިސައިލުންނެވެ. ޔޫކްރައިން އިން ވަނީ އެމެރިކާގެ ހަރިޔާރު ބޭނުންކޮށްގެން ކާކީވްގެ ސަރަހައްދުން ވެސް ރަޝިއާގެ މަގާމުތަކަށް ހަމަލާއެއް ދީފައެވެ. މިއީ ހުއްދަ ދީފައި އޮތް ސަރަހައްދެވެ.
ރަޝިއާ އާ ދެކޮޅަށް ހުޅަނގުގެ ހަތިޔާރު ވަކިގޮތަކަށް ނޫނީ ބޭނުން ނުކުރަން އަންގާފައި އޮތް އިރު ފްރާންސާއި ޖަރުމަނުން އާންމުކޮށް ވަކި މިންގަނޑެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ޔޫކޭގައި ހުންނަވާ ޖަރުމަނުގެ ސަފީރާ ހަވާލާދީ ހަބަރުތަކުން ބުނެފައި ވަނީ ޔޫކްރައިން އަށް ޖަރުމަނުގެ ހަތިޔާރުވެސް ބޭނުން ކުރެވޭނީ އެމެރިކާއިން ހުއްދަ ދީފައި އޮތް ގޮތާ ދާދި އެއްގޮތަށް ކަމަށެވެ.
ރަޝިއާގެ ދިފާއީ މަގާމުތަކަށް ހަމަލާ ދިނުމުގައި ޔޫކްރައިން އިން ހުޅަނގުގެ ޒަމާނީ މިސައިލްތައް ބޭނުން ކުރަން ފަށާފައި ވާ އިރު ބެލްގޮރޮޑް ސަރަހައްދުގައި ރަޝިއާއިން ގާއިމު ކޮށްފައި ހުރި މިސައިލުން ދިފާއުވާ 2 ނިޒާމަކަށް ވެސް ހަމަލާ ދީފައި ވެއެވެ. އެ ހަމަލާ ދީފައި ވަނީ ހިމާސް މަރުކާގެ މިސައިލުންނެވެ.
ރަޝިއާ ބަލިކުރުމަށް އެމެރިކާ އާއި ހުޅަނގުން ގުޅިގެން ހަތިޔާރާއި މަދަދު ފޯރުކޮށްދީ އަދި އެ ހަތިޔާރުން ރަޝިއާ އަށް ހަމަލާ ދިނުމުގެ ހުއްދަ އާއެކު ޔޫކްރައިން އަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ އިރު, މީގެ ކުރިން ދޭން ހުޅަނގުން ދެކޮޅު ހެދި އެފް16 މަރުކާގެ ބޮން އަޅާ މަތިންދާ ބޯޓުވެސް މި އަންނަ ހޫނު މޫސުމުގައި ޔޫކްރައިން އަށް ދޭނެ ކަމަށް ބުނެއެވެ.
ޑެންމާކުން ބުނެފައި ވަނީ އެގައުމުން ފޯރުކޮށްދޭ އެފް16 ބޭނުންކޮށްގެން ރަޝިއާގެ ކޮންމެ ތަނަކަށް ހަމަލާ ދިނަށް ހެޔޮ ކަމަށާއި އެކަމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. ނެދަލޭންޑްސް އިން ވެސް ވަނީ އެފަދަ މެސެޖެއް ދީފައެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރު ކަޖްސާ އޮލެންގްރެން ވިދާޅުވީ, ޔޫކްރައިން އަށް އެފް16 ފޯރުކޮށް ދިނުމުން އެ ބޭނުން ކުރާނެ ގޮތެއް އެނގޭނީ ޔޫކްރައިން އަށް ކަމަށެވެ. ނަމަވެސް ބެލްޖިއަމްގެ ސްޓޭންޑް ތަފާތެވެ. އެގައުމުން ބުނީ އެފް16 މަރުކާގެ ބޯޓުތަކުން ރަޝިއާގެ ތެރެއަށް ހަމަލާ ދީގެން ނުވާނެ ކަމަށެވެ.
ޔޫކްރައިން އިން ބުނާގޮތުން ހުޅަނގުގެ ހަތިޔާރުން ދޭން ފެށި ހަމަލާ އާއެކު ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރާލެވިފައެވެ. އެގޮތުން ފާއިތުވި ހަފްތާގައި އެކަނިވެސް 8900 ސިފައިން މަރާލެވުނު ކަމަށް ބުނެފައި ވެއެވެ.
ހަނގުރާމައިގެ ޔޫކްރައިންގެ ސަފުތައް ވަރުގަދަ ކުރުމަށް ހުޅަނގުން އާ މަސައްކަތެއް ފަށާފައި ވާ އިރު ޔޫކްރައިންގައި އުފައްދާ ޑްރޯންތައް ބޭނުން ކޮށްގެން ރަޝިއާގެ ފައުޖުތަކުގެ ހަރަކާތްތައް ދެނެގަތުމަށް ހިންގާ އޮޕަރޭޝަންވެސް ވަނީ ފުޅާކޮށްފައެވެ.
މި ބަދަލުތަކާ ގުޅިގެން ރަޝިއާގެ އޮފިޝަލުން ބުނެފައި ވަނީ, މިހާރުވެސް އޮތް ހާލަތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި, ހުޅނަގުން ހަނގުރާމައިގެ ތެރެއަށް ވަނުމަކީ ހަދާ މިސްޓޭކެއް ކަމަށެވެ. އަދި ކުރިންވެސް އިންޒާރު ދިން ގޮތަށް, ހުޅަނގުން ހަނގުރާމައިގެ ތެރެއަށް ވަނުމަކީ ހަމަނުޖެހުން ފުޅާވެ ހުޅަނގުވެސް ނުރައްކަލަށް ހުށަހެޅުން ކަމަށާއި ރަޝިއާގެ ދިފާއުގައި ނާޅާނެ އެންމެ ފިޔަވަޅެއްވެސް ނޯންނާނެ ކަމަށެވެ. އެގޮތުން ރަޝިއާއިން ވަނީ ޓޭކްޓިކަލް ނިއުކްލިއާ ހަތިޔާރު މައިދާނަށް ނެރެން ފަށާފައެވެ. އަދި ރަޝިއާ އާ ގުޅުން އޮންނަ ހުޅަނގާ ކައިރި ގައުމުތަކަށް ދުރުރާސްތާ މިސައިލް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ބުނެފައެވެ. މިހެން މިކެން ވެއްޖެ ނަމަ, ހުޅަނގުގެ ގައުމުތަކަށް ނުރައްކާ ބޮޑުވެ, ރަޝިއާގެ އިތުރުން ރަޝިއާ އާ ބައިވެރިވާ ގައުމުތަކުގެ އިމުގެ ތެރެއިން ހުޅަނގަށް ހަމަލާ ދޭން ފަށާފާނެ ކަމަށް ބެލެވޭކަމުގައި މުރާސިލުން ބުނެއެވެ.
މިއީ 3 ވަނަ ބޮޑުހަނގުރާމައެއް ފެށުމުގެ ކޮޅުމަތި ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު ހުޅަނގުން ޔޫކްރައިންގެ ތެރެއަށް ވަދެ ނުވަތަ ހަނގުރާމައިގެ ތެރެއަށް ވަނުމަކީ ބޮޑުހަނގުރާމައެއްގެ ފެށުން ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން މީގެ ކުރިން ވަނީ ވިދާޅުވެސް ވެފައެވެ.