ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ ފަލަސްތީނާ މެދު އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތަށް ކަމަށްވާއިރު ހުތުބާގައި ވަނީ އައްޒާއާއި ރަފަހާއި ފަލަސްތީނުގެ އެ ނޫން ވެސް އަވަށްތަކުގައި ސަހްޔޫނީން ހިންގަމުން ގެންދާ އުދުވާނީ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެފައެވެ.

ހުތުބާގައި އިސްރާއާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތުގެ ވާހަކަ ފާހަގަކުރައްވާ އެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްތީނު ވަކިވެގެން ނުދާނެ ކަމަށް ބުނެފައެވެ. އަދި އަޤްޞާ މިސްކިތް، ސަހްޔޫނީ އިސްތިއުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ ކަމަށާއި އެ މިސްކިތް މިނިވަންކުރުމަށްޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ވަނީ އެ ހުރިހައި ޖަރީމާތަކެއް ހިންގަމުން ގެންދަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފުގެ ހަމަތަކާއި މުޅީން ހިލާފަށް ކަމަށާއި އެ އުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާ ކަން ފާހަގަކޮށްފައެވެ. އަދި ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތި، އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށްވެފައިވާ ކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އެ ކަންކަން ފާހަގަކޮށް ހުތުބާގައި ވަނީ އެ އަނިޔާވެރި އަމަލުތައް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ އަނިޔާވެރި އުދުވާނީ އަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ވެސް ގޮވާލާފައެވެ.

މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަހްލާގީ ވާޖިބުތަކެއްވާކަން ފާހަގަކޮށް ހުތުބާގައިވަނީ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުއާކުރުމާއި އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތުގުޅައިލަންޖެހޭ ކަމަށް ބުނެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އަހުލާގީ އަދި ދީނީ ވާޖިބެއް ކަމަށާއި މާތް ﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއްނޫން ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ވަނީ ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައި ލޯތްބާއި ހަމްދަރުދީއާއި އުހުއްވަތްތެރިކަން ބިންވަޅުނެގިފައިވާކަން ފާހަގަކޮށް ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށް ބުނެފައެވެ.

އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި އިސްލާމީ ސަގާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަން ފާހަގަކޮށް ހުތުބާގައި ވަނީ އެއީ ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ހައްޖު މަހުގެ މާތް ދުވަސްތައް ފެށިގެންދާއިރު ހާއްސަކޮށް ހައްޖު ގެ ދުވަސްވަރު، އަރަފާތު ދުވަހު ފަލަސްތީނަށްޓަކައި ހެޔޮ ދުއާކޮށް އަލް މަސްޖިދުލް ހަރާމްގައި ނަމާދުކުރަމުންދާ އަހުންނާއި އުހުތުން ވެސް އަލް މަސްޖިދުލް އަގްސާ މަތިން ހަނދުމަކޮށް އެތަނަށްޓަކައި ދުއާ ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.