މިއަދުގެ ހުކުރު ހުތުބާގައި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވައިލައްވައި، އެ ދުވަސްތަކުގައި ހެޔޮ އަމަލުތައް ގިނަކުރުމަށް މުސްލިމުންނަށް ގޮވައިލައްވައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައް ކަމަށެވެ. އަދި އެ ދުވަސްތަކަކީ ހެޔޮ އަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައްކަން ފާހަގަކޮށް، އެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މި ދުވަސްތަކުގައި ކުރެވޭނެ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ތެދުވެރި ތައުބާއަކުން ތައުބާވުމާއި، ރޯދަހިފުން ހިމެނޭކަން ހުތުބާގައި ފާހަގަކުރިއެވެ. ހާއްސަކޮށް ހައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ރޯދައެއްކަން ވަނީ ހަނދާންކޮށްދީފައެވެ. ކީރިތި ރަސޫލާގެ ހަދީޘްބަސްފުޅެއްގެ މާނަ ހިމަނައި ހުތުބާގައި ބުނެފައިވަނީ "ﷲގެ ހަޟުރަތުގައި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ މާތްކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ” މިފަދައިންނެވެ.
މި މަތިވެރި ދުވަސްތަކުގައި ކުރެވިދާނެ ހެޔޮ އަމަލުތަކުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި ތައުބާއަކުން ތައުބާވެ، މި ދުވަސްތައް ފެށުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން:
- ރޯދަހިފުން: ހާއްސަކޮށް އަރަފާތް ދުވަހުގެ (ހައްޖު މަހުގެ 9 ވަނަ ދުވަސް) ރޯދައަކީ އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަ ފުއްސަވައިދޭނޭ އަމަލެކެވެ.
- ޛިކުރުކުރުން: ތަކުބީރާއި، ތަސްބީހައާއި، ތަހުމީދު ކިޔައި، މަގުތަކާއި ބާޒާރުމަތީގައިވެސް އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ސުންނަތެކެވެ.
- ސަދަގާތްކުރުން: މާތް ﷲގެ މަގުގައި މުދާ ހޭދަކުރުމަކީ ގިނަގުނަ ޘަވާބު ލިބޭނޭ ކަމެކެވެ.
- އުޟުހިޔާ ކަތިލުން: އީދު ނަމާދަށްފަހު އުޟުހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.
- ހައްޖުގެ އަޅުކަން: ކުޅަދާނަކަން ލިބިގެންވާ މީހާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ މި ދުވަސްވަރު ކުރެވޭނެ އެންމެ ހެޔޮ އަމަލެވެ.
ހުތުބާގައި އިތުރަށް ނަސޭހަތްތެރިވެފައިވަނީ، ހެޔޮ އަމަލުތައް ގިނަކުރުމާ އެކު، ފާފަތަކުންނާއި ނުބައި އަމަލުތަކުން ދުރުހެލިވުމަށެވެ. އެގޮތުން ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، ފިތުނަ އުފެއްދުން ފަދަ ކަންކަމުން ދުރުހެލިވެ، މާތް ﷲ ލޯބިވެވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަތުމަށް ގޮވާލާފައިވެއެވެ.
ހުތުބާ ނިންމާލަމުން ވަނީ، އަހަރެމެންގެ ކުރު ހަޔާތުގައި މިފަދަ ބަރަކާތްތެރި މޫސުންތައް މާތް ﷲ މިންވަރުކުރައްވާފައިވަނީ އެކަލާނގެ އޯގާވަންތަކަމުން ކަމަށްވާއިރު، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދީފައެވެ.
