މާލޭގައި މީގެ 12 އަހަރުން ކުރިން ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލައިގައި ދެ މީހަކު މަރަން ކުރި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ނުފެށި އަނެއްކާވެސް ލަސްވެއްޖެއެވެ.

މުހީތު މަރާލާފައިވަނީ ފެބްރުއަރީ 2012 ގައި، ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ. މި މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައެވެ. އެއީ:

  • މުހައްމަދު މައިމޫން (ޅ. ނައިފަރު، ޒައިތޫނިގޭ)
  • މުހުޖަތު އަހުމަދު ނާސިހު (ގދ. ގައްދޫ، އަބްލަގީގޭ)
  • އަލީ މުޝައްފައު (ސ. މަރަދޫ، ސަލްޓަންވިލާ) އެވެ.

މި ތިން މީހުންގެ ތެރެއިން ކުށް ސާބިތުވެ 2019 ވަނަ އަހަރުގެ މެއި މަހު މަރުގެ ހުކުމް އިއްވާފައިވަނީ މުހައްމަދު މައިމޫނާއި މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އެ ދެ މީހުންގެ ފަރާތުން ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފައެވެ.

މި އަހަރު ކުރީކޮޅު މި މައްސަލައިގެ އަޑު އެހުމެއް ހައިކޯޓުގައި ބާއްވަން މަސައްކަތްކޮށް މައްސަލަ ކުރިއަށް ނުގެންދެވުނީ ކުރިން ހަމަޖެހުނު ވަކީލަކު މައްސަލަ ދޫކޮށްލުމުން އިތުރު ވަކީލަކު ހަމަނުޖެހިގެންނެވެ.

އޭގެފަހުން މިދިޔަ މާޗު މަހު ވަކީލަކު ހަމަޖެހި މިއަދު ޝަރީއަތުގައި އެދުނީ އިސްތިއުނާފު ފޯމް ބަދަލުކުރުމަށެވެ. އެހެންނަމަވެސް އެ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް ޝަރީއަތުން ނިންމުމުން މިހާރު އޮތް ގޮތަށް އިސްތިއުނާފަށް ތައްޔާރުވެފައިނުވާތީ، ދެން އޮންނަ އަޑުއެހުމަކަށް އިސްތިއުނާފު ކުރުން ފަސްކުރީއެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަބްދުލްމާނިއުއެވެ.