ރޭ މާލެ ސަރަހައްދުގައި ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
މި ކާރިސާގެ މައުލޫމާތު ހިއްސާކުރަމުން މެރިން ފުލުހުން ބުނީ ރޭ 23:00 އެހާކަންހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވުމާއި ގުޅިގެން މެރިން ޕޮލިހުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި މި އެކްސިޑެންޓްގައި 7 މީހަކަށް އަނިޔާވުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، މި އެކްސިޑެންޓުގައި ލޯންޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ގޮތުން ސޯޝަލް މީޑިއާގައި ދަައުރުވާ ފޮޓޯއިން ފެންނަ ގޮތުން ލޯންޗުގެ އެއްފަޅި އެއްކޮށް ވަނީ ހަލާކުވެފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކަނޑުމަތީގެ އެކްސިޑެންޓުތައް ހިނގާ ނިސްބަތް އިތުރުވެފައިވާއިރު، މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެފަދަ ހާދިސާތައް ގިނަ ފަހަރު ހިނގަން މެދުވެރިވަނީ ދުއްވަންކަނޑައޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމާ އަދި ސަމާލުކަން ދޭންޖޭހޭ ސަލާމަތީ ކަންތައްތަކަށް އިސްކަން ނުދެވުން ކަން ވަނީ ފާހަގަކޮށްފައެވެ.