އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން، އެކަން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރު ވަމުން ދާ ކަމުގައި އެމެރިކާގެ ހަބަރުތައް ގެނެސްދޭ ބޭރުގެބައެއް މީޑިއާތަކުން ބުނެފިއެވެ.

ދުނިޔޭގެ ހަބަރުތައް ގެނެސްދޭ 'އެކްސިއޯސް' ގައި ރިޕޯޓްކޮށްފައިވާ ގޮތުން ރިޕަބްލިކަން ޖޯޝް ގޮޓްހައިމަ، ގެންދަނީ އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް ވަނުމުގެ ހުއްދަ ދިނުމަށް ޝަރުތުކޮށް، އެމެރިކާއިން ރާއްޖެއަށް ދޭ އެހީތައް ދިނުމުގައި އެކަމަށް ޝަރުތު ކުރުމަށް ގަނޫނެއް އެކުލަވާލުމަށް ތައްޔާރު ވަމުންނެވެ. ކޮންގްރެސްގައި އިޒްރޭލުގެ އެންމެ ވަރުގަދަ އެއް ޑިފެންޑަރު ގޮޓްހައިމަ، އެމެރިކާގެ ދެ ޕާޓީގެ އެކުވެރިންނާ އެކު ބިލުގެ މަސައްކަތް ކުރަމުން ދާކަމަށް ރިޕޯޓް ކޮށްފައި ވާއިރު، އެ ބިލަށް ކިޔާނީ ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ (ޕީއޭޓީއެޗް) އެކްޓް ކަމަށް މަސްދަރުތައް ވަނީ ބުނެފައެވެ.

މީގެ އިތުރުން ގޮޓްހައިމަ ހުށަހަޅަން ތައްޔާރު ވަމުން ދާ ބިލަށް އަލިއަޅުވާލަމުން އެކްސިއޯސްގައި ބުނެފައިވަނީ އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް، އެމީހުން ދައްކާ ޓެކްސް ޑޮލަރު ފޮނުވަން ނުޖެހޭނެ ކަމަށެވެ. "ހަމައެކަނި އިޒްރޭލަކީ އަހަރެމެންގެ ޑިމޮކްރެޓިކް އެންމެ ބޮޑު އެއް އެކުވެރިއެއް ނޫން. އެމީހުންގެ ނިންމުން ބަދަލުކުރެވެންދެން އެމެރިކާ ޑޮލަރުގެ ސެންޓެއް ވެސް ނުލިބޭނެ." ގޮޓްހައިމަ ވަނީ ބުނެފައެވެ.

އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމެރިކާއިން 2019 އާއި 2023 އާ ދެމެދު ރާއްޖެއަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރުގެ މާލީ އެހީ ފޮނުވާފައި ވެއެވެ.

އެމެރިކާއިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅޭތޯ ބަލަން ޔަހޫދީ ބައިވެރިން ތައްޔާރުވަމުން އަންނަކަމަށް ބޭރުގެ މީޑިއާތަކުން ބުނެފައިވީ ނަމަވެސް މިކަމާއލ ގުޅިގެން ދިވެހި ސަރުކާރާއި އަދި އެމެރިކާ ސަރުކާރުންވެސް، ރަސްމީ އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް އެ ބިންތަކުގައި ގަތުލުއާންމު ހިންގަމުންދާ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޒްރޭލު ޕާސްޕޯޓް ރާއްޖެއަށް މަނާކުރުމަށް ހަދަން ޖެހޭ ގާނޫނު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.