'ފަޒީސް ހިޖާމާ ތެރަޕީ' ބަންދު ކުރަން އެންގި ވާހަކަތައް އެ ކްލިނިކްގެ ވެރިޔާ ފަޒީލާ އުސްމާނު ދޮގުކޮށްފިއެވެ.

އޭނާ އެކަން ދޮގުކޮށްފައި ވަނީ ހުއްދަ ނުނަގައި މަސައްކަތް ކުރަމުންދާތީ އެ ކްލިނިކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހެލްތް ލީގަލް ޑިޕާޓްމަންޓުން އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ހަބަރުތައް ފެތުރުމާ ގުޅިގެންނެވެ.

ހެލްތް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހިޖާމާ ޖެހުމަށް އެ މިނިސްޓްރީން ހުއްދަ ނަގަންޖެހޭކަން އޭނާއަށް މީގެ ކުރިން އަންގާފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ހުއްދައެއް ނަގާފައި ނުވާ ކަމަށެވެ. އަދި ހަމަ އެހެންމެ ގަވާއިދާ ހިލާފަށް ހިޖާމާ ޖެހުމުގެ މަސައްކަތް ކުރަމުންދިޔުމާ ގުޅިގެން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓުންވެސް އަންގާފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

https://www.facebook.com/story.php?story_fbid=798293965839128&id=100069755945004&mibextid=WC7FNe&rdid=iBjn8sNHx2Ad73mB

އެކަމާ ގުޅިގެން ފާޒީލާ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އަދި ހިޖާމާ ޖެހުން ހުއްޓާލަން އޭނާއަށް އަންގާފައި ނުވާ ކަމަށާއި ހަމައެހެންމެ އެއްވެސް ޖޫރިމަނާއެއްވެސް ކޮށްފައި ނުވާ ކަމަށް ފަޒީލާގެ ޕޯސްޓުގައި ވެއެވެ. އަދި އޭނާ ކޯސް ހެދީ ޔޫކޭގެ އިންސްޓިޓިއުޓްއަކުން އޮންލައިން ކޮށް ކަމަށް ދެކެވޭ ވާހަކަތައްވެސް ވަނީ ދޮގުކޮށްފައެވެ. އެގޮތުން އޭނާ ކޯސް ހެދީ ޔޫކޭގެ އިންސްޓްޓިއުޓް އަކަށް ގޮސްގެން ކަމަށާއި އަދި ހިޖާމާ ކްލިނިކް ހިންގަނީ ޔޫކޭގެ މެޑިކަލް އެސޯސިއޭޝަންގެ ހުއްދަ ދީގެން ހިންގާ އިންސްޓްޓިއުޓްއަކުން އަކުން ލައިސެންސްވެސް ލިބިގެން ކަމަށް ފަޒީލާ ބުނެފައިވެއެވެ.

މީގެ ކުރިން، 2022 ވަނަ އަހަރު ވަނީ ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް ބަންދުކޮށްފައެވެ. އެފަހަރު ބަންދުކޮށްފައިވަނީ ހަކުރު ބައްޔާ ގުޅެ ގޮތުން އޭނާ ދެއްކި ވާހަކަތަކުގެ އިތުރުން ހުއްދަ ނުނަގާ ހިޖާމާ ޖަހާކަމަށް ބުނެއެވެ.

މީގެ އިތުރުންވެސް ފަޒީލާ ކަސްޓަމަރުންނާ މުއާމަލާތް ކުރާ ގޮތުންނާއި ބައެއް ސިއްހީ މައްސަލަތަކަށް ހިޖާމާއިން ފަރުވާ ލިބޭ ކަމަށް ބުނެ ވަކާލާތު ކުރަމުން ދިޔުމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުން މީގެ ކުރިންވެސް އޭނާ އަށް ވަނީ އަމާޒުވެފައެވެ.