އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށްގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައިސް މުއިއްޒު ވަނީ ރާއްޖޭގައި މިވަގުތު ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އެތައް ޕަސެންޓެއްގެ ފައިދާއާ އެކު ނަހަމަ ގޮތުގައި ބޭހުގެ ވިޔަފާރި ކުރި ފަރާތްތައް ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމުން ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލި ކަމަށެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގައި ބޭސް ލިބުމުގައި ދަތިތަކެއް ދިމާވާން ޖެހުނު ސަބަބު ކަމުގައި ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެ ކަން ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި ހުރިހާ ބޭހެއް އެސްޓިއޯގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ 10 ބޭސް ވެސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭހުގެ އެޕްރޫވްޑް ލިސްޓުގައި ހިމެނޭ 1207 ޖެނެރިކް ބޭހުގެ ތެރެއިން 784 ބޭސް އެސްޓީއޯއިން މިހާރު ލިބޭއިރު، ބާކީ ހުރި ބޭސްތައް ވެސް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އަމިއްލަ ފަރާތްތަކުން އެންމެ ގިނައިން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭއިން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެބަދަލު ގެނަސްފައިވަނީ ބޭސް ގެނައުމަށް ހިތްވަރު ދިނުމާއި ސްޓޮކް މެއިންޓެއިން ކުރުމުގެ ގޮތުން ކަމަށެވެ.