އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލާ އާންމުން އަނެއްކާވެސް އިހުތިޖާޖު ކޮށްފިއެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ އަޑު އުފުލަމުންނެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް ނާދެވޭނެ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާ ކުރުމަށް މިއަދުގެ އިހުތިޖާޖުގެ ބައިވެރިން ވެސް ވަނީ ގޮވާލާފައެވެ. އަދި އިޒްރޭލުގެ އުފެއްދުންތަކާއި އިޒްރޭލަށް ފަންޑު ކުރާ ކުންފުނިތަކުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ތަކުރާރުކޮށް ގޮވާލާފައި ވެއެވެ.

ވެލާނާގެ ކައިރިއަށް އެއްވި މީހުން ތިބީ ފަލަސްތީނު ދިދައާއި އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ލިޔެފައިވާ އެކިއެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ވެސް ހިފައިގެންނެވެ. އެގޮތުން ފަލަސްތީނު ސަލާމަތް ކުރުމަށާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އިތުރުން ޕާސްޕޯޓް މަނާ ކުރުމަށް އެ ބޯޑުތަކުގައި ވެއެވެ. މީގެކުރިން ވެސް މިފަދަ އެތައް އިހުތިޖާޖެއްކޮށްފައި ވާއިރު، އަދިވެސް އިޒްރޭލުގެ ޕާސްޕޯޓް ބޭންކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރަން ގޮވާލާ ކުރި އިހުތިޖާޖު /ފޮޓޯ: އަހްމަދު އިޔާދު - ދަ ޕްރެސް

އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އެ އިސްލާހު ފާސްކޮށްފައެއް ނުވެއެވެ.

އެއާއަކު މީކާއީލް ވަނީ އަނެއްކާ ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ.

މީކާއީލް ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިމިގްރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ އަކުރެއްގައި އިޒްރޭލު ހިމަނާ ނަންބަރެއް އިތުރުކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުންނެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 40،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 80،000އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.