ހަފްތާއެއްގެ ތެރޭގައި ރަޝިއާގެ 8650 ސިފައިން މަރާލައިފި ކަމަށް ޔޫކްރައިން އިން ބުނެފި
ރަޝިއާއިން ހަނގުރާމައިގެ އާ އުކުޅުތަކާއެކު ކާކީވް ސަރަހައްދުން ކުރިއަރަމުން ދަނިކޮށް އެމީހުން ހުއްޓުވައި ދިން ހަމަލާތަކުގައި ހަފްތާއެއްގެ ތެރޭގައި 8650 ސިފައިން މަރާލެވިފައި ވާކަމަށް ޔޫކްރައިން އަސްކަރީ މީޑިއާއިން ބުނެފިއެވެ.
އެއީ 17 ބެޓޭލިއަން [ގުރޫޕު] އާ އެއްބަރުގެ އަދަދެއް ކަމަށާއި 81 ޓޭންކާއި ހަނގުރާމަމަތީ ވެހިކަލްގެ 153 ވެހިކަލް ގޮއްވާލައި ހަލާކު ކޮށްލި ކަމަށް ވެސް ބުނެފައި ވެއެވެ.
ޔޫކްރައިންގެ ރައީސް ވްލެޑެމިއާ ޒެލެންސްކީ ވިދާޅުވީ ކާކީވްގައި ރަޝިއާއަށް އެ ލިބުނު ދެރަޔަކީ ޔޫކްރައިން ފަޅިން މަރުވި މީހުންނާ އަޅާ ބަލާއިރު 8 ގުނަ އިތުރު އަދަދެއް ކަމަށެވެ.
މީގެ ކުރިން ރަޝިއާ ސިފައިން ވަނީ ކާކީވްގެ ސަރަހައްދުން ކުރިއަރާ 9 ވިލެޖެއް ހިފާފައެވެ. ރަޝިއާއިން ހަނގުރާމައިގެ އުކުޅުތައް ބަދަލުކޮށް ބަލި މީހުންނާއި ނުކުޅެދޭ މީހުން ކުރީ ސަފަށް ނެރެ ޔޫކްރައިންގެ މަގާމުތައް ދެނެގަތުމަށް ފަހު ކުއްލި ހަމަލާ ދެމުން ގޮސް 9 ވިލެޖް ހިފި އިރު ޔޫކްރައިންގެ ސިފައިން ތިބީ ކަންބޮޑުވުމެއްގައެވެ. 2 ވަނަ އަށް އެންމެ ބޮޑު ސިޓީ ކާކީވްގެ މެދުތެރެއަށް ފޯރާ ހިސާބަށް ނުވަތަ އަތްފޯރާ ފަށަށް ރަޝިއާގެ ފައުޖުތައް އެތެރެވެ ދެފަރާތުގެ ދެމެދުގައި ބޮޑޫ ކުރިމަތިލުމެއް ހިނގާފާނެތީ އާއި އެކަށީގެންވާ ހަތިޔާރު ޔޫކްރައިންގެ އަތުގައި ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ހުޅަނގުން ދީފައި ހުރި ހަތިޔާރު ޔޫކްރައިން ބޭނުން ނަމަ ރަޝިއާ އަށް ހަމަލާ ދޭން ބޭނުން ކުރެވިދާނެ ކަމުގެ ސިގުނަލާއެކު ހާލަތު މިވަނީ އިތުރަށް ނުތަނަސް ވެފައެވެ.
ފްރާންސާއި ޖަރުމަނާއި އަދި އިނގިރޭސިވިލާތުން ވަނީ, އެމީހުންގެ ހަތިޔާރު ޔޫކްރައިނުން ބޭނުން ގޮތަކަށް ބޭނުން ކުރަން ހުއްދަ ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައެވެ. އެ 3 ގައުމުން ފެހި ސިގްނަލް ސިން ނަމަވެސް އެމެރިކާއިން އަދި ދަނީ އެ މީހުންގެ ހަތިޔާރުން ރަޝިއާގެ މަގާމުތަކަށް ހަމަލާ ދިނުމުގެ ހުއްދަ ދިނުމުގައި ފަސްޖެހެމުންނެވެ.
ފްރާންސާއި ޖަރުމަން އަދި އިނގިރޭސިވިލާތުގެ ވާހަކަތަކާ ގުޅިގެން އިންޒާރު ދެއްވައި ޕުޓިން ވިދާޅުވީ އެއީ ހެދޭނެ ސީރިއަސް ގޯހެއް ކަމަށާއި ނަތީޖާ އަކަށް ވަނީ 'ބޮޑު ހަނގުރާމަ' ފެށޫން ކަމަށެވެ. މީގެ ކުރިންވެސް ޕުޓިން ވަނީ, ހުޅަނގުން [ނޭޓޯ] އިން ޔޫކްރައިންގެ ތެރެއަށް ވަދެ ނުވަތަ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެއްޖެ ނަމަ ރަޝިއާގެ ދިފާއުގައި ކޮންމެ ފަދަ ހަމަލާއެއް ވެސް ދޭން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޕުޓިންގެ އިންޒާރަކީ އެގައުމުތަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ އިންޒާރެވެ. މީގެ ކުރިން ޕުޓިން ދައްކަވާފައި ހުރި ބައެއް ވާހަކަތަކަށް ބަލާއިރު ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެ ނަމަ މުޅި ޔޫރަޕުގެ އާބާދީ އަނދާ އަޅިއަށް ވާނެއެވެ. އެމެރިކާގެ ކަންބޮޑުވުމަކީ ވެސް ރަޝިއާއިން ނިއުކްލިއާ ހަނގުރާމައެއް ފަށާފާނެ ކަމުގެ ކަންބޮޑުވުމެވެ. އެހެން ކަމަށް ވެއްޖެ ނަމަ އެމެރިކާ އަށް ހަމަލާ ދިނުމުގެ ގާބިލުކަންވެސް ރަޝިއާގެ އަތުގައި އެބަހުއްޓެވެ.