އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިމިގްރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ އަކުރަކަށް ނަންބަރެއް އިތުރުކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުންނެވެ.

އިސްލާހު ފާސްވެއްޖެނަމަ، އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާވާނެއެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް ރާއްޖޭން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ އާއި މިކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތުމުން، ސީދާ ގާނޫނަށް އިސްލާހު ގެނެސް ފިޔަވަޅު އެޅުން އަވަސްކުރުން ކަމަށް، މީކާއީލްގެ ބަޔާނުގައިވެއެވެ.

އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމަށާއި އެ ގައުމުގެ އުފެއްދުންތައް ވެސް އެތެރެކުރުން މަނާކުރަން ގޮވާލާ ހުށަހެޅި ގަރާރު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގައެވެ.

ފަލަސްތީނުގައި އިޒްރޭލުން ފޭރިގެންފައިވާ ބިންތަކުގައި ހިންގަމުންދާ ގަތުލުއާންމު މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަރުގަދަކުރުމުން، އިޒްރޭލުން ރާއްޖެއަށް މީހުން އެތެރެވިޔަނުދީ އެ ގައުމުގެ ޕާސްޕޯޓު މަނާކުރުމަށް ގިނަ އާންމުން ގޮވާލިއެވެ. އޭގެ ފަހުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ލަފާދީ، ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވިއެވެ.