މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ދުންފަތާއި ދުރަށް ދިއުމަށް އެހީތެރިވުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ދަމަނަވެއްޓާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ، މި އެއްބަސްވުމުގެ ދަށުން، އެ ކުންފުނީގެ މުވައްޒަފުން ދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުހެލިކޮށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި މަސައްކަތް ކުރެވޭނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެހީތެރިވުމަށް މި އެއްބަސްވުމުގެ ތެރެއިން އެމްއޭސީއެލްގެ އޮކިއުޕޭޝަނަލް ހެލްތް ޓީމުން ދަމަނަވެއްޓާއި ގުޅިގެން ކައުންސެލިން ދިނުމާއި، އެޑިއުކޭޝަނަލް ވޯކްޝޮޕްހިންގުމާއި، ސަޕޯޓު ގުރޫޕް އުފެއްދުމުގެ އިތުރުން ތަފާތު އެކިއެކި ހަރާތްކާތަކުގެ ތެރެއިން ދުންފަތާއި ދުރަށް ދިއުމަށް މުވައްވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ދުވަހާއި ގުޅުވައިގެން އެމްއޭސީއެލް އިން ދަމަނަވެއްޓާ އެކު ވެފައިވާ އެއްބަސްވުމުގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ދުންފަތުގެ ނުރައްކަލާ މެދު ހޭލުންތެރިކަން އުފެއްދުމަށް ކުރެހުމުގެ މުބާރާތެއް ވެސް ވަނީ ބޭއްވިފައެވެ. މީގެ އިތުރުން، މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން މުޅި އަހަރަށް ބަހާލައިގެން އެ ކުންފުނިން ދަނީ ހަރަކާތްތައް ރާވާ ހިންގަމުންނެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އަދި ދަމަނަވެށީގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ހެލްތް ކޯޑިނޭޓަރ މޫސާ ހަނީފްއެވެ. މި ރަސްމިއްޔާތުގައި އެމްއޭ.ސީއެލް އަދި ދަމަނަވެށީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.