ގާޒާ އަކީ ބަފާ ޒޯނެއް ކަނޑައަޅައި ވަށާ ފެންސް ޖަހައިގެން އިޒްރޭލުން ބަންދު ކޮށްގެން ބަލަހައްޓާ ސަރަހައްދެއް ނަމަވެސް މިސްރާއި ރަފާ ގުޅޭ ދޮރާށީގެ ކޮންޓްރޯލް މީގެ ކުރިން އޮންނަނީ މިސްރަށެވެ. ހާއްސަކޮށް މިސްރާ ވީ ފާޅީގެ ބޯޑަރު ބެލެހެއްޓުމުގައި ވެސް މިސްރުގެ ދައުރު ބޮޑެވެ.
ނަމަވެސް އިޒްރޭލުން ރަފާ ހިފަން ރަފާ އަށް ހަމަލާ ދެމުން އެންމެ އެތެރެއަށް ވަދެގަންފައި ވާ އިރު މިހާރު މިސްރާއި ރަފާ ގުޅޭ ދޮރާށީގެ އިތުރުން މުޅި ބޯޑަރުގެ ކޮންޓްރޯލް ނަގާފައި ވާ ކަމަށް އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފިއެވެ.
އައިޑީއެފް އިން ބުނީ, އެމީހުން ބޯޑަރުގެ ކޮންޓްރޯލް ނެގި އިރު މިސްރުގެ ތެރެއިން ގާޒާއަށް ހަރިޔާރު ސްމަގްލް ކުރަން ބޭނުން ކުރާ 20 ޓަނަލެއް ވެސް ފެނިފައި ވާ ކަމަށެވެ.
ނަމަވެސް މިވާހަތައް ދޮގުކޮށް މިސްރުގެ ޓީވީން ބުނީ, އިޒްރޭލުން ގާޒާ ހިފަން ބަހަނާއެއް ދައްކަނީ ކަމަށެވެ.
ގާޒާއަށް ވަދެނިކުމެވޭ ހުރިހާ ދޮރާއްޓަކާއި ހުރިހާ ބޯޑަރެއް އަތްދަށު ލި ކަން ހާމަ ކުރި މި ދަނޑިވަޅަކީ މިސްރާއި ރަފާ ގުޅޭ ބޯޑަރުގައި އިޒްރޭލު ސިފައިންނާއި މިސްރު ސިފައިންނާ ދެމެދު ހުސްވި ހަފްތާގައި ކުރިމަތިލުމެއްވެސް ހިނގާފައިވާ ދަނޑިވަޅެކެވެ. އެ ކުރިމަތިލުމުގައި މިސްރުގެ ސިފައިންގެ މީހަކު މަރުވެފައި ވެސް ވެއެވެ.
އައިޑީއެފް ގެ ތަރުޖަމާން ޑެނިއަލް ހަގާރީ ބުނީ, ރަފާ ބޯޑަރަކީ ހަމާސް ގެ މުޖާހިދުން ހަތިޔާރު ސްމަގްލް ކުރުމަށް ބޭނުން ކުރަ ބޯޑަރު ކަމަށާއި މިހާރު އެތަން ބަންދު ކޮށްލެވިފައި ވުމުން, ގާޒާ އާއި ބޭރުގެ ހުރިހާ ގުޅުމެއް ކަނޑާލެވިފައި ވާ ކަމަށެވެ.
ފިލަޑެލްފިއާ ކޮރިޑޯގެ ނަމުން މަޝްހޫރުވެފައި އޮންނަ މި ބޯޑަރަކީ ބައެއް ދިމަ ދިމާއިން 100 މީޓަރު ފުޅާކޮށް ދިގުމިނުގައި 13 ކިލޯމީޓަރު ހުންނަ އެއްގަމު މަގުން އިޒްރޭލާވެސް ގުޅޭ ބޯޑަރެކެވެ. އެހެން ހުރިހާ ސަރަހައްދެއްގައި މީގެ ކުރިން އިޒްރޭލުން އުސް ކޮމްކްރީޓް ފާރެއް ލައި ގާޒާގެ ރައްޔިތުން އަނގަމަތީ ޖަލެއްގައި ބަންދު ކޮށްގެން ގުޅެމުން އަންނަ އިރު މިނިވަން ކަމާއި ދިރިހުރުމަށް ގާޒާގެ ރައްޔިތުން ޖިހާދު ކުރަމުން އަންނަތާ 17 އަހަރު ވެއްޖެއެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަށާފައިވާ ގަތުލުއާންމުގައި މިހާތަނަށް 15 ހާހަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ޝަހީދު ކޮށްލި ޖުމްލަ މީހުންގެ އަދަދު 36 ހާހަށް އަރައިގެނެ ގޮސްފިއެވެ. ޒަހަމް ކޮށްލި މީހުންގެ އަދަދު 90 ހާހަށް ވަނީ އަރާފައެވެ. އަދި ވީނުވީއެއް ނޭނގި ވާ މީހުންގެ އަދަދުތައް މުޅިން ސާފު ނުވާ އިރު ފަލަސްތީނުގެ އެކިއެކި ސަރަހައްދުތަކުން އަތުލައިގަނެގެން އިޒްރޭލުގެ ޖަލުތަކަށް ގެންގޮސްފައި ވާ ފަލަސްތީނު މީހުންގެ އަދަދު ވަނީ 10 ހާހުން މަތިވެފައެވެ.
އިޒްރޭލުން ބުނަނީ, ހަނގުރާމަ ހުއްޓާލާނީ ހަމާސް އެއްކޮށް ނައްތާލައި ގާޒާގެ މުޅި ކޮންޓްރޯލް ލިބުނީމައި ކަމަށެވެ. އެކަން ހާސިލު ކުރުމަށް އަދި 7 މަސްވަރު ނަގާނެ ކަމަށާއި ހަނގުރާމަ ނިންމައި ގާޒާގައި އާސަރުކާރެއް ގާއިމު ކުރުމާ ހަމައަށް 4-5 އަހަރު ވަރު ނަގާނެ ކަމަށ އިޒްރޭލުގެ ވަޒީރުން ބުނެއެވެ.