މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 148 މައްސަލައެއް އަދި ނަފްސާނީ އަނިޔާގެ 162 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ފެމެލީ ޕްރެޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އިން ބުނެފިއެވެ.
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްޕީއޭގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު އެންމެ ފާހަގަކުރެވިފައި ވަނީ ނަފްސާނީ ގޮތުން ކުރާ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާކަން ކަމަށެވެ.
އެގޮތުން ނަފްސާނީ ގޮތުން އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 162 މައްސަލައެއް ވޭތުވެފިޔަ 6 މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖިސްމާނީ އަނިޔާގެ 148 މައްސަލަ ހުށަހެޅިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސައިބާ ކްރައިމްސް ހިމެނޭ މައްސަލަތައް އިތުރުވަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޝިރާނީ ވިދާޅުވީ ވޭތުވެ ދިޔަ 6 މަހުގެ ތެރޭގައި އަންހެނުން ޝާމިލުވާ ގެވެށި އަނިޔާގެ 194 މައްސަލައެއްގެ އިތުރުން ފިރިހެނުން ޝާމިލުވާ 84 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނިޔާކުރާ ފަރާތްތަކުގެ ގޮތުގައި 33 ފިރިހެނުން ފާހަގަކުރެވިފައި ވާއިރު އަންހެނުންގެ އަދަދުގެ އެއަށްވުރެ މަދުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތެއްގެ މައްސަލަ ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ޒާތީ ގުޅުންތަކަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތެރޭގައި ކައިވެނިކޮށްގެން ނުވަތަ އިދެ ވަރިކޮށްފައިވާ މައްސަލަތަކާ ގުޅޭ 123 މައްސަލައެއް ހުށަހެޅިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ނަސަބުގެ ގޮތުން ނުވަތަ ކައިވެނީގެ ގުޅުމުގެ ގޮތުން 84 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކުޑަކުދިންގެ ކުރިމަތީގައި ކުރާ ގެވެށި އަނިޔާގެ މައްސަލައިގެ ގޮތުގައި 87 މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަ ކުރައްވާ ޝިރާނީ ވިދާޅުވީ މިކަމުގެ އެކުދިން ބޮޑުވެ، އަނިޔާ ކުރާ ފަރާތްތަކަކަށް ބަދަލުވެގެންދާ ކަމަށެވެ.
މާލީ ގޮތުން ދަރިން މައިންބަފައިންނަށް އަނިޔާ ކުރަމުންދާ މައްސަލަތައް ފާހަގަކުރެވޭ ކަމަށް ޝިރާނީ ވިދާޅުވިއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އެލަވެންސް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހިފެހެއްޓުން ފާހަގަ ކުރެވިފައި ހުރިކަން އޭނާ ވިދާޅުވިއެވެ.
ޝިރާނީ ވިދާޅުވީ އަނިޔާ ކުރާ ފަރާތްތަކުގެ ޓްރެންޑަށް ބަލާއިރު މިކަމުގައި ޝާމިލުވާ ގިނަ ފަރާތްތަކަކީ މަސްތުވާތަކެތި ނަގާ ފަރާތްތައްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އަނިޔާ ކުރާ ފަރާތްތަކުގެ ގޮތުގައި ނަފްސާނީ ބަލި ހުންނަ ފަރާތްތައް ވެސް ފާހަގަ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ޚިޔާލުގައި ތިޔަވިދާޅުވަނީ ސޔސ ވަރަށްބޮޑު ވާހައެއް އަދި އެހާމެބޮޑުހަސަދައެއްގެ ވާހަކައެވެ. އަދި ވަކި ބަޔަކަށް ވިކިގެންތިބެ އަދި ނޫސްވެރިކަމުގެ ތާޖު އަޅުއްވައިގެން ތިބެ އަމިއްލަ މަންފާއެއް ހާސިލުކުރަނީއެވެ. ޒިންމާދާރު ނޫސްވެރިކަމެއް ނޫނެވެ.