ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

މިއީ އެ ކުންފުނީގެ ތާރީހުގައި ހިއްސާއަކަށް އެންމެ ބޮޑު ފައިދާއެއް ބަހަން ފާސްކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން މި އަހަރު ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފައިވާއިރު މިރޭ ޖެން ހޮޓެލްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދަަރުން އެކަމާ ހަވާލުކޮށްގެންނެެވެ.

އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރުމުން، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބޭނެއެވެ.

މިދިޔަ އަހަރަކީ ބީއެމްއެލްއިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރަށްވާއިރު މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު 2.07 ބިލިއަން ރުފިޔާވަނީ ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ. މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ 2021 ވަނަ އަހަރުއެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާއެވެ.