މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތުކަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތޯރިގް މިހެން ވިދާޅުވީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަންމަންޓް އެންޑް އެނާޖީން އިންތިޒާމުކޮށްގެން، ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑްސް (ސީއެސްއާރްއައި) އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖޭގެ ފުރަތަމަ ސައިޑް އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސައިޑް އިވެންޓަކީ ފްރޮމް އެމްބިޝަންސް ޓު ޕްރެކްޓިސް: އެޑްވާންސިންގް ސިޑްސް4 ގޯލްސް ތްރޫ ދަ ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑްސް އިނީޝިއޭޓިވްގެ ނަމުގައި ބާއްވާފައިވަ އިވެންޓެކެވެ. މި އިވެންޓް ފައްޓަވައިދެއްވައިފައި ވަނީ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ.

ސައިޑް އިވެންޓް ފައްޓަވައިދެއްވަމުން މިނިސްޓަރު ތޯރިގް ވަނީ ކުދި ޖަޒީރާ ގައުމުތުކަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރު ކުރުމަށް ސީއެސްއާރްއައި އިނިޝިއޭޓިވްގެ ރޯލްގެ މުހިއްމުކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޖަޒީރާ ގައުމުތައް ގުޅިގެން މިކަމުގައި މަސައްކަތް ކުރުމަށް ބާރު އަޅުއްވާފައި ވެއެވެ.

އިވެންޓްގެ ޕެނަލިސްޓުންގެ ގޮތުގައި ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް، އަލީ ޝަރީފްގެ އިތުރުން ސެކްރެޓޭރިއެޓް އޮފް ދަ ޕެސިފިކް ރީޖަނަލް އެންވާރަންމެންޓް ޕްރޮގްރާމްގެ ޑިރެކްޓަރު ޖެނެރަލް ސެފަނަޔާ ނަވަދްރާ އާއި މިނިސްޓްރީ އޮފް ކްލައިމެޓް ރެޒިލިއެންސް ދަ އެންވާރަންމެންޓް އެންޑް ރިނިއުއެބަލް އެނާޖީ ގްރެނަޑާގެ ޑިރެކްޓަރު ޓިޓަސް އެންޓޯން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މި ކޮންފަރެންސްގެ މަގްސަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހާސިލުކުރުމުގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމަށް ކުދި ޖަޒީރާ ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުން ގުޅިގެން ޕާޓްނަޝިޕްތައް ހެއްދެވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ގޯލްސްގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައިވެސް ސީއެސްއާރްއައި ގެ މުހިއްމުކަން ވަނީ ހާމަ ކުރައްވާފައެވެ.

ހަތަރުވަނަ ސިޑްސް މަހާސިންތާ އަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން 'ސިޑްސް'ގެ ގައުމުތަކުގެ ލީޑަރުންނާއި އަދި އެކި ދާއިރާތަކުން ގުޅުން ހުރި ހިއްސާދާރުން އެކީގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މުހިއްމު މަހާސިންތާއެކެވެ.