ގާޒާގެ އެތައް ބަޔަކު ހިމާޔަތް ހޯދަމުން އަންނަ ރަފާގައި ހުންނަ ކޭމްޕަކަށް އިޒްރޭލުގެ އަނިޔާވެރިން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އެތައް ސަތޭކަ ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ގާޒާގެ ތަލް އަލް ސުލްތާނަށް ބޮން އަޅާ ދިން ހަމަލާތަކުގައި ރެފިއުޖީ ކޭމްޕްގެ ބޮޑުބައެއްގައި ރޯވެ އަނދާފައި ވާ އިރު އިޒްރޭލުން ބުނީ، އެމީހުން ހަމަލާ ދިނީ ހަމާސް އިން ހަތިޔާރު ރައްކާ ކުރާ ތަނަކަށް އަމާޒާށް ދަތުރު ކުރާ ބޮމެއް ބޭނުން ކޮށްގެން ކަމަށެވެ.

އެހާދިސާގައި ކޭމްޕެގެ ބޮޑު ބައެއްގައި ރޯވެ ދިރި ތިއްބާ އެތައް ބަޔަކު އަނދާ ދިޔަ މައްސަލަ ފެންމަތިވެފައި ވާ އިރު އެކަން ތަހުގީގު ކުރާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

އެ އަނިޔާވެރި ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ޝިކާއަރަކަށް ވެފައިވާ ފަލަސްތީނުގެ މައުސޫމް އެތައް ރައްޔިތުންތަކެއް ހިމާޔަތް ހޯދައިގެން ތިބި ކޭމްޕަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އާންމުންނަށް ސީދާ އަމާޒު ކޮށްގެން ގަސްދުގައި ހިންގާ މިފަދަ އަނިޔާވެރިކަމާއި ނަސްލު ނައްތާލުމުގެ އަމަލުތަކަކީ އިންސާނީ ހައްގުތައް ރައްކާތެރި ކުރާ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މި މަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ކޯޓު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ)ން ނެރުނު ކުއްލި އަމުރާއި އެއްގޮތަށް އަމަލުކުރުމަށް ދިވެހި ސަރުކާރުން އިސްރާއީލަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެގޮތުން ރަފާ ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ކުރި އަމުރާއި، ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ މީހުން ޝަހީދު ކުރުމާއި، ހަލާަކުކޮށްލުމާއި، ޖަރީމާތައް ހިންގުމަށްޓަަކައި، ބާރުގެ ތެރެއިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެލުމަށް އިސްރާއީލަށް ކުރި އަމުރު ތަންފީޒު ކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އެ ބަޔާނުގައި ވަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ރާއްޖޭން އަބަދުވެސް ކުރާ ވަކާލާތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލުގައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 35،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލާފައެވެ.